ސިޔާސީ

މަރުތަކުގެ މަޢުލޫމާތު ދިނުމަށް ޢާއްމުންގެ ކިބައިން އަނެއްކާވެސް އެދިއްޖެ


ރަޙުމްކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އާއި ބްލޮގަރ ޔާމީން ރަޝީދާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލައިގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން އެމަޢުލޫމާތު ޙިއްސާކުރުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އެކުލަވާލާފައިވާ ކޮމިޝަނުން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ.

އެކޮމިޝަނުން ކުރައްވާފައިވާ ޓްވީޓުގައިވަނީ، ޑރ.އަފްރާޝީމް ޢަލީ އާއި، ޔާމީން ރަޝީދާއި އަހުމަދު ރިލްވާނުގެ މައްސަލާގައި އެ ކޮމިޝަނަށް ބޭނުން ހިފޭނެހެން ހީވާ އެއްވެސް މަޢުލޫމާތެއް އެނގޭމީހަކު، ނުވަތަ ދޭން ބޭނުންވާ ފަރާތެއްވާނަމަ އެ ކޮމިޝަނުންގެ ޓުވިޓަރ އެކައުންޓަށް "ޑައިރެކްޓް މެސެޖަކުން" ނުވަތަ އެ ކޮމިޝަނަށް އީމެއިލް އަކުން އެކަން އަންގާ ދިނުމަށް އެދޭ ކަމަށެވެ.

އެކޮމިޝަނުން ވިދާޅުވެފައިވަނީ އެފަދަ މަޢުލޫމާތު ޙިއްސާކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށް، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ދޭނެ ކަމަށެވެ. އަދި އެކޮމިޝަނަށް ފޮނުވާ މަޢުލޫމާތު ފޮނުވާއިރު ކާކުކަން ނޭނގޭ ގޮތަށް ފޮނުވުމަށް ބާރުއަޅުއްވާކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
އެކޮމިޝަނުން މީގެކުރިންވެސް ވަނީ ތަހުޤީގު ކުރަން ބޭނުންވާ މަރުތަކާއި ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައެވެ. އަދި އެކަމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މަޢުލޫމާތުތައް މިއަދު ހާމަ ކުރައްވާނެ ކަމަށް ކުރިން އެ ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

މަރުތަކާއި ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވައިލާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަރުތަކާ ގުޅޭ ގޮތުން މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށާ، މި މުއްދަތުގައި މިހާތަނަށް އެ ކޮމިޝަނަށް ގިނަ ޢަދަދެއްގެ މަރުގެ މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަފުސީލު އަންނަ އާދީއްތަ ދުވަހު ހާމަކުރައްވާނެ ކަމަށްވެސް ސުޢޫދު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުން ބަލަމުންދާ މައްސަލަތައް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އެކޮމިޝަނުން ވަނީ ކުރިން ހާމަކުރައްވާފައެވެ.