ވިޔަފާރި

"ހަފްތާރެސް" މާދަމާރޭ ރަސްފަންނުގައި


މާދަމާރޭ ރަސްފަންނުގައި، ބޭއްވުމަށް ހަމަޖެހިފައިވާ "ހަފްތާރެސް" މާކެޓް ހުޅުވުމުގެ ހަރަކާތް ކުރިއަށްގެންދާނީ ވަރަށް ކުލަގަދަކޮށްކަމަށް ޔޫތު މިނިސްޓްރީން ބުނެފި.

ޔޫތް ސެންޓަރ ކައިރީ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވީ، ހަފްތާރެސް މާކެޓަކީ ޒުވާނުނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލަ ދިނުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. މިގޮތުން މި ހަރަކާތަކީ ވިޔަފާރީގެ މައިދާނަށް އަލަށް ވަންނަ ޒުވާނުނަށް ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާނުންގެ އިތުރުން އާންމުންގެ އެކި ފަރާތްތަކަށް ހަފްތާރެސްގައި ބައިވެރިވެވޭނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު މަހްލޫފް ވަނީ، ހަފްތާރެސްގެ ފެށުމުގެ ހަރަކާތުގައި ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.


" ހަފްތާރެސް މާކެޓްގެ މަޤްސަދެއް ވީހާވެސް ގިނަ ޒުވާނުންނަށް، އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ޒުވާނުންނަށް ފުރުސަތު ދިނުން. އަދި އެދޭ ފުރުސަތުތަކަކީވެސް އަޅުގަނޑުމެން ވަކި ކެޓަގަރީތަކަކަށް ބަހާލައިގެން ދޭ ފުރުސަތުތަކެއް. މިސާލަކަށް ހާއްސަ އެހީއަށް ބޭނުންވާ، އަންހެން ކަނބަލުންނަށް، މިގޮތަށް ވަރަށް ހާއްސަ ކެޓަގަރީތަކެއް ހަދައިގެން ފުރުސަތު ދޭ ގޮތައް އަޅުގަނޑުމެން މިކަން މިގެންދަނީ" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ހަފްތާރެސް މާކެޓް ހުކުރުދުވަހުގެ ރޭ އަށެއް ޖަހާއިރު ރަސްމީކޮށް ފެށިނަމަވެސް މާކެޓް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރު މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އޮންނާނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ހަފްތާގެ ހަފްތާރެސް މާކެޓުގައި 64 ސްޓޯލް ހުންނާނެކަމަށެވެ. ސްޓޯލް ދިނުމުގައި ބޮޑަށް އިސްކަންދީފައި ހުންނާނީ އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ޒުވާނުންނަށާއި، ކަނބަލުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ ހަފްތާއަކުވެސް ސްޓޯލް ދޫކުރަނީ މިކަމަށްއެދި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ކިއު ތަރުތީބަށް ބަލާފައެވެ.

ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބާޒާރަކީ ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. ހަފްތާ ބަންދުގައި ވީކްއެންޑް މާކެޓެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.