ޚަބަރު

ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އެއްވިޔުގައަކުން ގުޅާލަނީ


ރާއްޖޭގެ ހުރިހާ، ސަރުކާރު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް، އެއްވިޔުގައަކުން ގުޅާލާ، ހުރިހާ ރަށެއްގައި ޤާއިމުކުރާ ލެބޯޓަރީތަކެއް ޑިޖިޓައިޒްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ.ހެނބަދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ފަށްޓަވާދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނ.ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ، ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ، ސަރުކާރު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް، އެއްވިޔުގައަކުން ގުޅާލައްވާނެކަމަށެވެ. އަދި ހުރިހާ ރަށެއްގައި ޤާއިމުކުރާ ލެބޯޓަރީތަކެއް ޑިޖިޓައިޒްކކޮށް،ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްޞާ އިސްކަމެއް ދެއްވާކަމަށެވެ.

"
"މި ދެންނެވި ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ކުރިއަށް މިއޮތް އަހަރުތަކުގައި އަޅުގަނޑުމެން މިއުންމީދުކުރާ، ހިތްފަސޭހަ ޖަޒީރާވަންތަ ދިރިއުޅުން ފެންނަން ފަށާނެ"
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ޞަލީޙްގެ ވާހަކަފުޅުގައި މުޅި އިޤްތިޞާދު ވަށައިގެން ދައުރުކުރާ ނާރެހަކީ ދިރިއުޅޭ ގެކަމަށާ ޢާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް ނުވަތަ ގޯއްޗެއްނެތި، ޙާޞިލުކުރެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ބޮޑެތި އިޖްތިމާޢީ މައްސަލަތަކުގެ އަސްލަކީވެސް ގެދޮރުގެ ދަތިކަންކަން ފާހަގަކުރައްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ގެދޮރުގެ ދަތިކަން ޙައްލުވެގެން ނޫނީ، އިޤްތިޞާދުގެހަރުދސނާ ނުވާނެކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ޤައުމުގެ ކޮންމެ ފަރުދަކީ ގެދޮރުވެރިއަކަށް ހެދުންކަމަށާއި، އެގޮތުން ހެނބަދޫގެ ގޯތިގެދޮރުގެ ދަތިކަންވެސް ޙައްލުވެގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ކޮންމެ ޢާއިލާއަކަށް ވެސް ދިރިއުޅޭނެ ހިޔާވަހިކަމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު. އެކަން ޙާޞިލުކުރެވޭނީ، ވަށައިޖެހިފައިވާ ތަޢުލީމީ ނިޒާމަކުން ކަމަށްވާތީ، ސްކޫލް މަދަރުސާތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ އެންމެ މުހިންމު ކަންތައް. އެ ސިޔާސަތުގެ ދަށުން، މިރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."

ރައީސްގެ ވާހަކަފުޅުގައި ހެނބަދުއަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ލަފާފުރުމުގެ ދަތިކަންކަމަށާއި، ފެން ބޮޑުވުމަކީވެސް އެރަށަށް ވަރަށް ޢާންމުކޮށް މެދުވެރިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވެސް ވީހާއަވަހަކަށް ޙައްލު ކުރަންޖެހިފައި އޮތް މައްސަލައެއްކަމަށާއި، އަންނަ އަހަރު އެރަށުގެ ބަނދަރުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ މިތިބީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފިލުވައިދީ، ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން. މިރަށް ސާވޭ ކުރުމަށާއި ރަށުގެ ބަނދަރު ހެދުމަށް، މިފެށޭ އަހަރުގެ ބަޖެޓްގައި މިހާރުވާނީ ހިމަނާފައި. އަޅުގަނޑު އުންމީދުކުރަނީ، އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އެ މަސައްކަތް ފެށޭނެ ކަމަށް."

ރައީސް ވިދާޅުވިއެވެ.

ޖުމުލަ 757 މީހުންގެ އާބާދީއެއް އޮތް ހެނބަދޫގެ ބިން ފުރިފައިވާކަމަށާއި، މިއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަަމަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.