ޚަބަރު

އަންނަމަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާ ބާއްވަން މަސައްކަތް ފަށައިފި


ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް އަންނަ މަހުގެ ކުރީކޮޅު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެންމެ ރަނގަޅު ދުވަހަކާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ޖަލްސާ ބޭއްވުމަށް ހުށަހަޅަންޖެހޭ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދި ނުފަށާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާޢިދުގައިވަނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު ސަބަބު ބަޔާންކޮށް، މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގައި މިހާރު ތިއްބަވާ 85 މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަށް ވާނީ 29 މެމްބަރުންނެވެ.

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށާފައި މިވަނީ މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ޤާނޫނީ ޢަދަދަށް މަޖިލީހުގެ ޖަލްސާއަށް މެންބަރުން ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މި މަހުގެ 15 ވަނަ ދުވަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެން މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ. އެގޮތުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ވަނީ ހޮޓެލް ޖެންގައި މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ މަޖިލިސް މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު، މަޖިލީހުން ފާސްނުވެހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކޯލިޝަންގައި ހިމެނޭ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

"މެމްބަރުން އެތިއްބެވީ ޗުއްޓީގައި. ގުޅާފައި، އެބޭފުޅުންނާ މަޝްވަރާކޮށްފައި، ޕާލަމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ އެކީގައި އެ މަޝްވަރާތައް ކުރިއަށްގެންގޮސް، ޖެނުއަރީ މަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވޭތޯ މި މަސައްކަތްކުރަނީ،"

އެ ދުވަހުގެ ބައްދަލުވުމަށްފަހު ރައީސް ޞާލިހް ވިދާޅުވިއެވެ.

އެ ބައްދަލުވުމަށްފަހު ސިޔާސީ ލީޑަރުން ވިދާޅުވީ ރައީސް ޞާލިހްގެ ލެޖިސްލޭޓިވް އެޖެންޑާގައި ނުކުރެވިހުރި ވަރަށްމުހިންމު ކަންތައްތަކެއް ހުރުމުން އެކަން، ވީއެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ލީޑަރުން އެއްބަސް ވެފައިވާކަމަށެވެ. އަދި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް ފެންނަ ކަމަށް އެދުވަހު ލީޑަރުން ވިދާޅުވެފައިވެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް ފަށާފައިވާއިރު މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ޤާނޫނީ ޢަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފައެވެ. ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެމެ، ބޭނުންވާ ޢަދަދަށް މެމްބަރުން ހަމަނުވެގެން އެބިލްތަކަށް ވޯޓަށް ނޭހުނު މައްސަލާގައި ކޯލިޝަންގެ ތެރޭގައިވަނީ ދެބަސްވުންތަކެއްވެސް އުފެދިފައެވެ.