ޚަބަރު

އައްޑޫ ސިޓީގެ 7 ސަރަހައްދެއް ހިމާޔަތްކުރުމަށް ކައުންސިލުން ނިންމައިފި


އައްޑޫ ސިޓީގައި ހުރި ތިމާވެށީގެ ގޮތުން ޚާއްޞަ ސަރަހައްދުތައް ޙިމާޔަތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ޙިމާޔަތް ކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަކީ އައްޑޫ ސިޓީގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ތަންތަނެވެ.

އައްޑޫ ސީޓީގައި ހުރި ތިމާވެށީގެ ގޮތުން ރީތި، އަދި ނާޒުކު ބައެއް ސަރަހައްދުތައް ހިމާޔަތް ކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިހުރި އާސާރީ ތަންތަނާއި، ތިމާވެށީގެ ގޮތުން ނާޒުކު އަދި ރީތި ތަންތަން ހިމާޔަތް ކުރުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފަޅާއި، 1 ކަނޑޫފާ ހިމާޔަތްކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އައްޑޫސިޓީގައި ހުރި ތިމާވެށީގެ ގޮތުން ރީތި ބައެއް ތަންތަން ހިމާޔަތް ކުރިކަމަށް ކަނޑައަޅައި އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ މިސަރަހައްދުތައް ހިމާޔަތް ކޮށްފައިވަނީ އައްޑޫގެ ޤުދުރަތީ ތަރިކަ އެކުލެވޭ ތަންތަން ދެމެހެއްޓެނިވި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަކީ:

  • މާމެންދޫ ކިޅި (ހިތަދޫ މާކިޅި، މެދެ އާރަ، ފެހެލަ ކިޅި، ރަސްގެދަރި އާރަ، ހިމެނޭ ގޮތަށް)
  • ހުޅުދޫ، މީދޫ މަތި ކިޅި
  • ހުޅުދޫ، މީދޫ ޗަސްބިން
  • ބޮނޑަ ހެރަގަނޑަ
  • ފަތިކެޑެ
  • ކޮޑަ ކަނޑަ
  • މުޑަ ކަނާ (މާކަނޑަ އިރުމަތީ ފަރާތު ފަރު)

އައްޑޫގެ ތަރައްޤީގެ ތަޞައްވުރަކީ "ދެމެހެޓެނެވި، ވިލުންވެރި، ދިރިއުޅެން ފަސޭހަ ސިޓީ" ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ ޤުދުރަތީ ރީތިކަން ދަައްކުވައިދޭ ތަންތަން ހިމާޔަތް ކުރުމަކީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގައިހުރި ތިމާވެށީގެ ގޮތުން މުހިންމު ތަންތައް ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓްރީ އޮތް އެންވަޔަރަމަންޓުންނެވެ.