ވިޔަފާރި

ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް މަހާސިންތާއެއް ބާއްވަނީ


ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާއި ގުޅޭ މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވަޢުދުތަކުގައި ހިމެނޭކަމެކެވެ. މި މަހާސިންތާ އަކީ ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ދިރުވާ އާލާކޮށް ކުރިއެރުވުމަށް ބާއްވާ މަހާސިންތާއެކެވެ.

މިމަހާސިންތާގައި ރާއްޖޭގައި މިފަދަ މަސައްކަތްކުރާ ދިވެހި ބޭސްވެރިންނާއި 'އަލްޓަނޭޓިވް މެޑިސިންގ' ދާއިރާގެ ބޭފުޅުންނާއި މިކަމަށް ޝައުޤުވެރިވާ އާއްމު ފަރާތްތައް ބައިވެރިވާނޭކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި މަހާސިންތާގައި ދިވެހި ބޭސްވެރިކަމުން ހޯދިފައިވާ ހޯދުންތަކާއި މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް އެފަރާތްތަކާއި އެކު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި ބޭނުންކުރާނެ ގޮތާއި މެދު މަޝްވަރާކުރުންވެސް މި މަހާސިންތާގައި ހަމަޖެހިފައިވެއެވެ.

މި މަޝްވަރާތަކަށް ބިނާކޮށް ދިވެހިބޭހާ، އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.