ޚަބަރު

ދުވާފަރާއި، ވިލުފުށީގެ ގެތައް ރަޖިސްޓްރީ ކުރުމަށް އަންގައިފި


ސުނާމީއާ ގުޅިގެން، ރ. ދުވާފަރާއި ތ. ވިލުފުށީގައި ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުގެ ރަޖިސްޓްރީގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެ ދެރަށުގެ ކައުންސިލް ތަކަށް އަންގާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ހައުސިންގ މިނިސްޓަރ ވިދާޅުވީ، އެކަން އެންގުމަށް ދެ ކައުންސިލަށްވެސް ހައުސިންގ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، އެޓާރނީ ޖެނެރަލްގެވެސް ލަފަޔާއެކު މިހާރު ހަމަޖައްސާފައިވަނީ، ކުރިން ވެސް އެގޭގެ ވެރި ފަރާތަށް ގެ ރަޖިސްޓްރީކޮށްދޭ ގޮތަށް ކަމަށާއި އެ ފަރާތް ދުނިޔޭގައި ނެތް ނަމަ ގާނޫނީ މަރުހަލާގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ބައެއް އާއިލާތަކަށް ދެ ގެ ދީފައިވާ އިރު އެ ގެތައް ރަޖިސްޓްރީކުރުމަށް ހަމަޖައްސާފައި ވަނީ އާއިލާތަކުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމައިގެން ކަމަށާއި އެ ގޮތަށް ހައްލު ނުލިބިއްޖެ ނަމަ އެކަން ވެސް ދެން ކުރަންޖެހޭނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.އެހެންނަމަވެސް ވިލުފުށީ ކައުންސިލްގެ ނައިބު ރައީސް ރައީފް ރައޫފް ވިދާޅުވީ، ހައުސިން މިނިސްޓްރީން ގެތަކުގެ ރަޖިސްޓްރީގެ ކަންތަކުގައި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ސިޓީއެއްވެސް ކައުސިލަށް ނުލިބޭ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.ގެތަކުގެ ރަޖިސްޓްރީގެ މައްސަލަ ހައްލު ނުވާތީ ރައްޔިތުންނަށް ވަރަށް ބޮޑެތި އުދަގޫތައް ވަމުންދާކަން ކައުންސިލުން ފާހަގަކުރި. މިކަމާ ގުޅޭގޮތުން ދުވާފަރު ކައުންސިލްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.