ޚަބަރު

ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެކު ކާރިޘާތަކަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެ- އެންޑީއެމްސީ


އަލަށް އުފައްދާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސަބަބުން ކާރިސާތަކަށް ޤައުމު ތައްޔާރީ ޙާލަތަކަށް ގެނައުމަށް ފަސޭހަވެގެންދާނެކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރ، އެންޑީއެމްސީގެ ސީނިއާ ޕްރޮގްރާމް އޮފިސަރ ފަރޫޝާ ޢަލީ ވިދާޅުވީ މި އޮތޯރިޓީގެ ސަބަބުން ކާރިސާތަކުގައި އަމަލުކުރާ ނެޝަނަލް ޑިސާސްޓަރ ޕްލޭން ހަރުދަނާވެގްދާނެކަމަށެވެ. އަދި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި، ކާރިސީ ހިރާސް ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ބޮޑު ފަސޭއަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

2015 ވަނަ އަހަރު ތަސްދީޤުކުރި ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޤާނޫނު އުފެދުނުނަމަވެސް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ޕްލޭންއާއި، ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ނުއުފައްދާ ގިނަ ދުވަސްތަކެއް ވެގެން ދިއުމުން މިހާތަނަށް އައިރު ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ފަރޫޝާ ވިދާޅުވިއެވެ. އެހެންނަމަވެސް ޤާނޫނުގެ ދަށުން އޮތޯރިޓީއާއިއެކު ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތަށްވެސް ފަސޭހަވެގެންދާނެކަން ފަރޫޝާ ފާހަގަކުރެއްވިއެވެ. މި އިދާރާއަކީ، ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެންޑީއެމްސީގެ ޤާނޫނުނު ތަންފީޒުކުރުމަށްޓަކައި އުފައްދަވާފައިވާ އިދާރާއެއްކަން ފާހަގަކުރައްވާ ފަރޫޝާވަނީ، މި އޮތޯރިޓީ އުފެއްދުމުގެ ހެޔޮބަދަލު ހުރިހާ ދިވެހިންނަށް ފޯރާނެކަމަށެވެ.

"2015 ވަނަ އަހަރު ތަސްދީޤުކުރި ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޤާނޫނު އުފެދުނުނަމަވެސް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ޕްލޭންއާއި، ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ނުއުފައްދާ ގިނަ ދުވަސްތަކެއް ވެގެން ދިއުމުން އަޅުގަނޑުމެންނަށް ގިނަ ދަތިތަކެއް ކުރިމަތިވި. އަޅިގަނޑު ފާހަގަކޮށްލަން މި އޮތޯރިޓީ އުފެދުމަކީ އަޅުގަނޑު ވަރަށް އުފަކުރަން. މިކަމުގެ ސަބަބުން ލާމަރުކަޒީ ޤާނޫނުގެ ދަށުން މަސައްކަތްކުރަން ފަސޭހަވެގެންދާނެ." ފަރޫޝާ ވިދާޅުވިއެވެ.

އަލަށް އުފެއްދާ އޮތޯރިޓީއާއެކު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ޤާނޫނީގޮތުން ހަރުދަނާވެ ލާމަރުކަޒީ ޤާނޫނުގެ ދަށުން މަސައްކަތްކުރަން ފަސޭހަވެގެންދާނެކަމަށް ފަރޫޝާ ވިދާޅުވިއެވެ. ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހާމަކުރައްވާފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.