ޚަބަރު

ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އެއްބައިވަންތަކަމަށް ދަނީ ބުރޫއަރަމުން- ހޯމް މިނިސްޓަރ


ސިޔާސީ ކަންކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒަމާނުންސުރެ އޮތް އެއްބައިވަންތަ ބަދަހި ގުޅުމުގައި ކޫރުން އެޅެމުންދާ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޒަމާނުންސުރެ ކާބައިފައިންގެ ކިބައިން ވާރުވެތަވެފައިވާ އެއްބައިވަންތަކަމަށް އެންމެ ބޮޑަށް ފެނިގެންދިޔައީ 2004 ވަނައަހރުގެ ސުނާމީ އާއި ގުޅިގެންކަމަށެވެ. އަދި ދިވެހިންގެ މެދުގައި އޮތް އޮގާތެރިކަމާއި އެކުވެރިަން އެ ދުވަހު ފެނިގެން ދިޔަކަމަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހިންގެ މެދުގައި ޒަމާނުންސުރެ އޮތް ގާތްގުޅުން ސިޔާސީ ނުތަނަވަސްކަމާއި ގުޅީގެން ހީނަރުވެފައިވާކަމަށެވެ.

އެހެން އޮތްނަމަވެސް ފާއިތުވި 30 އަހަރުވެސް ދިވެހިންގެ ގުޅުން ރަނގަޅު ނުވާ މިންވަރަށް ދިވެހިންގެ ސިޔާސީ ސަފުތައް މިއަދު ގާތްވެފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހި ސަފުތަކުގެ ވަރުގަދަކަމާއި އެކީ ދެމަހައްޓަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި ސަރުކާރަށް އެހީތެރިކަން ޕދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ހަދަންޖެހޭކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ދުވާފަރަކީ މިފަދަ ދުވަހަކާއި އެއްގޮތަށްވުރެ ގިނަ ގޮތުން ގުޅިފައިވާ ރަށެއްކަމަށެވެ. އެގޮތުން ދިވެހިން ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިޔުމުން ދިވެހިންގެ ދީނާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހިންގެ މިނިވަންކަން އަލުން ހޯއްދެވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ދުވާފަރުގެ ޒުވާން ދަނޑަހެލު ވި އަގުހުރި ގުރުބާނީއާއި ހިތްވަރުގެ ހަނދާންތައް މިނިސްޓަރ ވަނީ އާކުރައްވާފައެވެ. އަދި ދުވާފަރަށް ވަޑައިގަތުމުން ދަންޑަހެލުގެ ސިފަތައްކަމަށް ތާރީޚު ބުނެދޭ ކަންކަން ދުވާފަރުގެ ރައްޔިތުންނަށް ވާރުތަވެގެން ގޮސްފައިވާކަން ފެނިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުގެ ސުނާމީ ކާރިސާގެ ހަނދާންތަކާއި ތަޖުރިބާތައް ވަރަށް އަސަރުގަދަ ކަމާއެކު ހިއްސާކުރައްވާފައެވެ.