ޚަބަރު

ރިސޯޓް މުވައްޒަފުންގެ %70 ދިވެހިންނަށްވުން ޤާނޫނުން ލާޒިމްކުރަން ޖެހޭ - ނިހާން


ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ހޮޓާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ %70 އަކީ ދިވެހިން ކަމަށް ޤާނޫނުން ލާޒިމްކުރަންޖެހޭކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިންގާ ހޮޓެލް އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %70 އަކީ ދިވެހި މުވައްޒަފުން ކަމަށް ކަނޑައަޅައި ޤާނޫނުން އެކަން ލާޒިމް ކުރަން ޖެހިފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ އެއްމެ 5 ދިވެހި މުވައްޒަފުން ހިމަނައިގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން ދިވެހި ފަސް މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓަކީ އއ.ވެލިދޫ ކަމަށްވެސް ނިހާންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓް، ހޮޓަލެއްގެ އެކި ވަޒީފާތަކުގައި މަދުވެގެން %70 މުވައްޒަފުންނަކީ ދިވެހިން ކަމަށް ކަނޑައަޅައި ގާނޫނަކުން ލާޒިމުކުރަން ވެއްޖެ. ފަސް ދިވެހިން ލައިގެން ހިންގާ ރިސޯޓަކީ ވެލިދޫ،"

ނިހާން ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ނިހާން މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ.