ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިޚާބީ ހުރިހާ ދާއިރާތަކަށް ވާދަކުރަން ނިންމާފައިނުވާކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ތަރުޖަމާނު މިހެން ވިދާޅުވީ، ކުރިއަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ކައުންސިލުން ނިންމާފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ. މިކަމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއްކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ގޮނޑިތަކާ މެދު މަޝްވަރާ ކުރުމަށް ބޭއްވި އެޕާޓީގެ 125 ވަނަ ކައުންސިލް ބައްދަލުވުމުގައި އިންތިޚާބީ 87 ދާއިރާއަށް ވާދަކުރަން ނިންމާފައިނުވާ ކަމަށާއި، އަދި ޖޭޕީން ވާދަކުރާނެ ދާއިރާތައްވެސް އެ ބައްދަލުވުމުގައި ކަނޑައަޅާފައި ނުވާކަމަށެވެ.
އަލީ ޞާލިހް ވިދާޅުވީ، އެ ބައްދަލުވުމުގައި ނިންމާފައި ވާނީ ޖޭޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޤާނޫނީ ގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަން ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީން މިހެން ބުނެފައިވާއިރު، ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އިންތިޚާބީ 87 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އެހެން ނަމަވެސް އެއީ ކޯލިޝަނުގެ ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފު ނިންމުމެއްކަމަށް ބުނެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މަދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި މި ކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މަތީ މަޝްވަރާއަރުވާ ކޯލިޝަންގެ 4 ލީޑަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.