ޚަބަރު

ސްރީލަންކާގެ މަސް ބޯޓު ފުލުހުންނާ ހަވާލުކޮށްފި


ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނިކޮށް މި މަހުގެ 19 ވަނަ ދުވަހު އެމްއެންޑީއެފްގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ސްރީލަންކާގެ މަސް ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ އެމްއެންޑީއެފުން ބުނެފިއެވެ.

ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސްބޯޓު ފެނިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޢިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމާންޑާރ ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ޤަވައިދާ ޚިލާފަށް ރާއްޖެ ހިމެނޭ ސަރަޙައްދުން މަސްވެރިކަން ކުރަން އުޅެނިކޮށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބޯޓުން އެއް ޓަނާ ގާތްކުރާ ޢަދަދަކަށް މަސް ބާނާފައިވާކަން އެނގޭކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައިން ހުރީ ރާއްޖޭގެ ޤާނޫނުން ބޭނުން ނުވަތަ ލޭނު އަޅައިގެން ހިފުން މަނާކޮށްފައިވާ މިޔަރުގެ މަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ، ސްރީލަންކާގެ ފަޅުވެރިން ތިބި އެބޯޓު މިހާރު ފުލުހުންނާ ޙާވާލުކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި އެބޯޓު ދޫނިދޫއަށް ގެނެސްފައިވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން މަސްބޯޓު ފެނިފައިވަނީ އިންޑިއާގެ ނޭވީ އާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޖޮއިންޓް ސަވައިލަންސް ޕެޓްރޯލް ނިންމާލިތާ މާ ގިނަދުވަސްތަކެއް ނުވެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ބޮޑު ސަރަޙައްދެއްކަން ފާހަގަކުރައްވާ ކަނޑާއި ވައިގެ މަގުން މި ސަރަޙައްދު ބަލާ ފާސްކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ކޯސްޓްގާޑް ކޮމާންޑަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލާ ފާސްކުރުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ، ޑިފެންސް ކޯޕަރޭޝަން މެކޭނިޒަމްގެ ދަށުން ވައިގެ މަގުންނާއި ކަނޑުގެ މަގުން އިންޑިއާ އަސްކަރިއްޔާ އާއި ގުޅިގެން މަހަކު އެއްފަހަރު ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ކަނޑައެޅޭ ވަކި ސަރަޙައްދެއް ބަލަމުންދާކަން ކޮމާންޑަރު ވަނީ ފާހަގަކުރައްވާފައެވެ.

ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ރާއްޖޭގެ ސަރަޙައްދުން އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެ ބޯޓް ބަލާ ފާސްކުރިއިރު، އޭގައި ސްރީލަންކާގެ 6 މަސްވެރިން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.