ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ. 
މަޢުލޫމާތު ލިބިފައިވާގޮތުގައި ޢަބްދުއްރަޙީމް ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އަލުން އެދިވަޑައިގަތުމަށެވެ. 
ޕީއެންސީ އުފެއްދުމަށް ކުރިންހުށަހެޅި ފޯމު ބާޠިލްކުރަން އީސީން ނިނެމެވީ އެކަމުގެ ހުއްދައަށްއެދި ޢަބްދުއްރަޙީމް ހުށަހެޅުއްވިއިރު އޭނާއަކީ ޕީޕީއެމްގެ މެމްބަރަކަށް ވާތީކަމަށް އީސީން ވަނީ ހާމަކުރައްވާފައެވެ. 
އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެގޮތުގައި ހުރިމީހަކަށް ވަކި އާޕާޓީއެއް ރަޖިސްޓްރީ ކުރަން ޤާނޫނީގޮތުން ހުށަނޭޅޭނެކަމަށާ، ޕީއެންސީ އުފައްދަން ހުއްދަނުދިނީ އެހެންވެގެންކަމަށް އީސީންވަނީ ވިދާޅުވެފައެވެ.