ޚަބަރު

ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިކުރާ ކާބޯތަކެއްޗާ ދުރުހެލިވާންޖެހޭ- ނާއިބް ރައީސް


ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިކުރާ ކާބޯތަކެތި ބޭނުންކުރުމާ ދުރުހެލިވާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސލް ނަސީމް ގޮވާލައްވައިފިއެވެ.

ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާގެ އެކި ބޭފުޅުންނާއި، އެކި ބަލިތައް ތަޙައްމަލުކޮށް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާ އެކަންކަމުން އިބުރަތް ހާސިލްކޮށް އެފަދަ ކާބޯތަކެތި ބޭނުންކުރުމާ ދުރުހެލިވާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސިއްޙަތަށް ގެއްލުން ހުރި ބަވަތްތަކާއި ދުރުހެލިވުމަށް އެއްބަޔަކު ނަސޭޙަތްތެރިވަމުންދާއިރު އަނެއް ބަޔަކު އެފަދަ ބާވަތްތައް ޕްރޮމޯޓުކުރަމުންދިއުމަކީ އެކަމާމެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއްކަމަށެވެ. އަދި ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކާމެދު ޢާއްމުން ހޭލުންތެރިކުރުމަށް އެއްބަޔަކު މަސައްކަތްކުރާއިރު އަނެއްބަޔަކު އެބާވަތްތައް ޕްރޮމޯޓުކުރާނަމަ މިކުރާ މަސައްކަތަކީ ދެކޮޅު ނުޖެހޭ މަސައްކަތަކަށްވެ އެކަން ނާކާމިޔާބު ވަމުންދާނެކަމަށްވެސް ނާއިބްރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއެހުމާއި، ސިއްޙަތަށް ގެއްލުންހުރި އެކި ކަންތައްތައް ކުރުމުގެ ސަބަބުން އެކި ބަލިތައް ތަހަންމަލް ކޮށް އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ މީހުންގެ ވާހަކަތައް އަޑުއަހައި އެކަންތައްތަކުން އިބްރަތް ހާސިލް ކުރުމަށް ނާއިބް ރައީސް ގޮވާލެއްވިއެވެ. އަދި ނައިބު ރައީސް ވަނީ ސިއްޙަތަށް ގެއްލުންވާ ފަދަ ބުއިންތަކުން ދުރުވެވަޑައިގަންނަވާނެކަން ޢިއުލާންކުރައްވާ މިކެމްޕޭންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ސިއްޙީ ދާއިރާގައި ތަފާތު ފެންނަ ވަރުގެ މަސައްކަތްތަކެއް ހެލްތް މިނިސްޓްރީން ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކަށް އާންމުން ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިތުރުކުރުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިތުރުކުރުމަށް ނިންމަވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއަށް ގެންނަންބޭނުންވާ ކުރިއެރުންތައް ގެނައުމަށް، މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް ހެލްތް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުންވެސް ޙަވާލުކޮށްދެއްވާފައެވެ. އެބޭފުޅުންނާ މެމްބަރު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކު ގެތެރޭގައި މާސް މީޑިއާ މެދުވެރިކޮށް ރަނގަޅު ކާނާ ޕްރޮމޯޓުކުރުމާއި ސްކޫލް ކުދިންނަށް އަމާޒުކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ކުރަން ޖެހޭ ކަންކަމާ މެދު ހޭލުންތެރިކުރެވޭނެ ޕްރޮގްރާމްތައް ހިންގުމާއި ސިއްޙަތަށް ގެއްލުންވާ ބާވަތްތަކުން ޓެކްސް ނެގުމާއި ހަށިގަނޑަށް ފައިދާ ހުރި ބާވަތްތަކުން ނަގާ ޓެކްސް ކުޑަކުރުމުގެ އިތުރުން ދުއްފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނު އިސްލާޙުކުރުމާއި ގައިން ގަޔަށް ނާރާ ބަލިތަކާ މެދު ޢާއްމުން ހޭލުންތެރިކުރުމާއި ދިވެހިންގެ ސިއްޙީ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.