ޚަބަރު

"ކްލަބްމެޑް ފިނޮޅު ވިލާސް" ރިސޯޓު ހުޅުވައިފި


ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ، ތަފާތު ޘަޤާފަތްތަކާއި، ތަފާތު ދީންތަކުގެ މީހުންނާއެކު ޞުލްޙަވެރިކަމާއެކީ އުޅެން ދިވެހީންނަށް ދަސްކޮށްދިނީ ރާއްޖޭގައި އޮތް ފަތުރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ."ކްލަބްމެޑް ފިނޮޅު ވިލާސް" ހުޅުވުމަށް ރޭ އެރިޒޯޓްގައި  ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ޔާމީން ވަނީ ރާއްޖޭގައި އޮންނަނީ އިސްލާމް ދީން ކަމަށާއި، ދިވެހިންނަކީ، ކޮންމެ ދީނެއްގެބަޔަކު ރާއްޖެ އައި ނަމަވެސް އެބަޔަކަށް އިހްތިރާމްކޮށް ހެޔޮކޮށް ހިތާ ބައެއްކަމަށް ވިދާޅުވެފައެވެ.52 އެނދާއެކު ރޭ ހުޅުވުނު "ފިނޮޅު ވިލާސް" އަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގައި ހިންގަންފަށާ ފުރަތަމަ ރިސޯޓެވެ.މި ރިޒޯޓް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަތުރުވެރިކަން ރާއްޖޭގައި ފުޅާވެފައިވާއިރު، ރާއްޖޭގައި އޮތީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، އިސްލާމްދީނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅުމަށް ހިތްވަރުދޭ، އަމަން އަމާންކަމަށް ލޯބިކުރާ ދީނެއް ކަމަށެވެ.ޞުލްޙަވެރިކަމާއި އަމާންކަމާއެކު، އެއްބައިވަންތަކަންމަތީ ދިރިއުޅުމަކީ އިސްލާމްދީނުގެ އެއްއަސާސްކަން ފާހަގަ ކުރައްވައި، ދިވެހިންނަކީ ޞުލްޙަވެރި، ހިތްހެޔޮ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހުރިހާ ދިވެހީން އުފަލާއެކު މަރުޙަބާ ކިޔާކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް ބަލާއިރު ތަފާތު ގައުމުތަކުން އަންނަ، ތަފާތު ޘަޤާފަތްތަކާއި، ތަފާތު ދީންތަކުގެ މީހުންނާއެކު ޞުލްޙަވެރިކަމާއެކީ އުޅެން ދިވެހީންނަށް ދަސްކޮށްދިނީ ފަތުރުވެރިކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.ރާއްޖެއާ ބެހޭގޮތުން ބޭރު ދުނިޔޭގައި އިވެމުންދާ ނޭދެވޭ އަޑުތަކަށް އިޝާރާތްކުރައްވައި، ރާއްޖޭގައި އޮތް ހަމަޖެހުމާއި، ޞުލްޙަވެރިކަމުގެ ވާހަކަ، މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާއި ރާއްޖެއަންނަ ފަތުރުވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގަންނަވާފައެވެ.ރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވިދާޅުވި. އަދި މިއީ މިއަދު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކެއްކަން ފާހަގަ ކުރައްވައި، ސަރުކާރުގެ އެންމެ މުހިންމު އެއްއަމާޒަކީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ވިދާޅުވެފައެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށާއި،  ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރަށްވާއިރު، ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ދާއިރާއަކީވެސް ފަތުރުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާއިރު، ރާއްޖެއަކީ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްވެސް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދިވެހިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އުފަލާއެކު މެހެމާންދާރީއަދަކުރާނެ ބައެއްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.މި ހަފްލާގައި ވާހަކަދައްކަވަމުން ފިނޮޅު ވިލާސްގެ ޕްރެޒިދެންޓް ބުނީ މިހާރުވެސް ތަފާތު ގައުމުތަކަށް ޚާއްސަކޮށްގެން އެންމެ ފެންވަރުރަނގަޅު ކިދުމަތް ދިނުމަށް ރިޒޯޓްގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުންދާކަމަށެވެ.ރޭގެ ހަފްލާގައި ފިނޮޅުވިލާސްގެ މުވައްޒަފުންގެ ފަރާތުން މުނި ފޫހިފިފިލުވުމުގެ ހަރަކާތަތަކާއި ބަޑިބޭހުގެ ކުޅިވަރުތަށްވެށްވެސް ވަނީ ދައްކާލާފައެވެ.