ވިޔަފާރި

ފަތުރުވެރިކަމުގެ ތެރެއިން ދިވެހި ސަޤާފަތް ދިރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ތާރީޚާއި ތަރިކަ އަދި ފަންނުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޑް ޔުމްނާ މަޢުމޫނާއި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޑްގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެތެރޭގައި ރިސޯޓް އަދި ގެސްޓްހައުސްތައް މެދުވެރިކޮށް ކަލްޗަރަލް ޓުއަރިޒަމް ނުވަތަ ދިވެހިންގެ އާދަކާދައާއި ގުޅޭ ފަތުރުވެރިކަން ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރު ކުރުމަށް ހިންގާ އިވެންޓްތަކުގައި ދިވެހި ސަޤާފަތް އަސްލާއި އެއްގޮތަށް ދައްކާލުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި ޓުއަރިޒަމް ދާއިރާއާއި ގުޅިގެން އަންނަ އެކިއެކި ކުދި ވިޔަފާރިތަކާއި، ދިވެހި ފަންނާނުވެރިންގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް އެއަރޕޯޓް ފަދަ ތަންތަނުގައި ހަމަޖެއްސުމާއި ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތަކުގައި ޓުއަރިޒަމް ދާއިރާގައި ދިވެހި ފަންނުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަންނާނުންނަށް ދިމާވާ މައްސަލަތަކާއި، ފަންނާނުން ކުރިއެރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް، ރަށްރަށުގައި ހުރި އާސާރީ ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާއިން އެހީ ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.