ދީން

ދިވެހިރައްޔިތުން އިސްލާމްދީނުގެ ސާބިތުކަންމަތީ ތިބުމަށް ގޮވާލުން


ކުރިޔަށްއޮތް ތަނުގައިވެސް ދިވެހިރައްޔިތުން
އިސްލާމް ދިނުގައި ފައިތިލަ ސާބިތުކުރުމާއި، އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ
ދެމިއޮތުމަކީ، ރާއްޖޭގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމުގެ އަސްލުކަމުގައި
މިއަދުގެ ޖީލުގެ ރައްޔިތުންވެސް ދަނެ،
އެކަމުގެ މަތީގައި ދެމިތިބުމަށް އަޒުމް އާކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް
އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.



ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން
ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމްވަނީ،
ހައްދުހަފަނައަޅާފައިވާ ކަންކަމާއި، ހަގީގަތްނޭނގޭ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިނުވުމަށްވެސް
އިލްތިމާސްކުރައްވާފައެވެ.



ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން
އިސްލާމީ މަރުކަޒުގައިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރާއީސުލް ޖުމުޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ގައްޔޫމް. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު
ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމް ދީނަކީ ދިވެހި ގައުމު މިއަދާހަމަޔަށް
އަމާންކަން މަތީ ދެމި އޮތުމުގެ އަސްލުކަމަށާއި، ދިވެހި ގައުމުގެ ކުރިޔަށް އިތް
ޖީލުތަކަށްވެސް މިދީން ފޯރުކޮށްދިނުންމަތީ ދެމިތިބެންޖެހޭކަމަށެވެ.

މިނިސްޓަރ
ވިދާޅުވީ، ކީރިތި ރަސޫލާ ސައްލަﷲ އަލަހި ވަސައްލަމް އަށް ނިސްބަތްކޮށް ކާޓޫން
ކުރަހައި ފުރައްސާރަ ކުރާކުރުން ކުށްވެރިކުރައްވާކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ ސައްލަﷲ އަލަހި
ވަސައްލަމް ދަސްކޮށްދެއްވައިފައިވަނީ، ޢައިރު މުސްލިމުންގެ ކިބައިން ބަދަލު
ހިފުމުގެ ބަދަލުގައި، އެބައިމީހުނަށް ތެދުމަގުދެއްކުންކަމަށެވެ. އެހެންކަމުން
ލޭއޮހޮރުވުންފަދަ   ހައްދުފަހަނައަޅާފައިވާ
ކަންކަމުން ދުރުއެލިވުމަށާއި، އެކި ގައުމުތަކުގައި ކުރިއަށް ގެންދާ، ހަގީގަތް
ނޭނގޭ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިނުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.



މިނިސްޓަރ ޝަހީމްގެ ވިދާޅުވީ، އިސްލާމްދީން
ވަރުގަދަކޮށް ދިރުވައި، ޅަދަރިންގެ ހިތްތަކުގައި އެ ދީނާމެދު
ލޯބިޖެއްސުމައްޓަކައި، ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ފަށާފައިވާކަމަށާއި
އެގޮތުން ކީރިތި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ދަރިވަރުނަށް
އުނގަންނައިދިނުމާއި، އިސްލާމް މާއްދާގެ ތެރެއިން އިސްލާމީ އަގީދާގެ ބައިތައް
އިތުރުކޮށް ކިޔަވައިދީ، އަރަބި ބަސް އުނގަންނައިދިނުން ފުޅާކޮށްފައިވާކަން ވަނީ
ފާހަގަކުރެއްވިއެވެ.



މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީ
ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޓްއަރިޒަމް މިނިސްޓަރ އަޙްމަދު
އަދީބް ވިދާޅުވީ، އިސްލާމީ އުއްމަތާ ގުޅުން ހުރި ކަންކަމުގައި ރައީސުލް
ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަބަދުވެސް ދެމިހުންނަވާކަމަށާއި،
އިސްލާމްދީނާއި އެއްކޮޅަށް އަޑުއުފުލަން ޖެހޭ ކޮންމެ ދަނޑިވެޅެއްގައިވެސް
ފަސްނުޖެހި އެމަނިކުފާނު ދުނިޔެ އަށް ރައްދު ދެއްވަމުންދާކަމަށެވެ.



ބަވަނަވަމުންދާ ދުނިޔެއެއްގައި ސަރުކާރުން މި ގައުމު
ކުރިއަރުވަން ބޭނުންވަނީ، އިސްލާމްދީނުގެ ރިވެތި އިންތަކުގެ ތެރޭގައިކަމަށާއި،
އިސްލާމްދީނަށް އަޙްލުވެރި މުޖުތަމައެއް ބިނާކުރުމައްޓަކައި، ހަރުދަނާ
އިގްތިސޯދެއް މިޒަމާނުގައި ބޭނުންވާކަމަށެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖެ
އިސްލާމްވިކަމަށް ބެލެވިފައިވާއިރު



ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދަނީ
މައުލާނާ އަލް ހާފިޒް އަބުލް ބަރަކާތިލް ބަރުބަރީ، ދިވެހިންނަށް އިސްލާމް ދީނަށް
ވަނުމަށް ދައުވަތުދެއްވުމާއި ގުޅިގެން، އޭރު ރާއްޖޭގައި ހުންނެވި ރަސްގެފާން
މުޙައްމަދު ބިން އަބްދިﷲ ، ރާއްޖެއަކީ އިސްލާމީ
ދައުލަތެއްގެ ގޮތުގައި ކަނަޑައަޅާއި، ދިވެހިންނަށް އިސްލާމް ދީނުގެ މަތިވެރި ނޫރު
ލިބިގެންދިއުމާ ގުޅިގެންނެވެ.