ޚަބަރު

1000 ބިދޭސީން ޤަވާއިދާ ޚިލާފަށް ރިސޯޓެއްގައި މަސައްކަތްކުރާ މައްސަލަ ބަލަނީ


ރާއްޖޭގައި ތަރައްޤީކުރަމުންދާ ރިސޯޓެއްގައި ޤަވާއިދާ ޚިލާފަށް 1000 ބިދޭސީން މަސައްކަތްކުރަމުންދާ މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބަލަން ފަށައިފިއެވެ.

މިއަދު ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކވަަމުން އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރ ޢަލީ ޝަރީފް ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން މިހާތަނަށް 318 ތަނެއް ބަލާފައިވާކަމަށެވެ. އޭގެ ތެރޭގައި 30 ރިސޯޓް ހިމެނެއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ، އެ އޮތޯރިޓީން ބެލި ބެލުމުން ރާއްޖޭގައި ތަރައްޤީކުރަމުންދާ ރިސޯޓެއްގައި ހާހަކަށްވުރެ ގިނަ ބިދޭސީން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، މި އަދަދަކީ ބޮޑު އަދަދެއްކަމުން މި މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ބޭރު ކުންފުނިތަކުން ޤަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އެ ކުންފުނިތަކުން ވަޒީފާދީ، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާކަން ފާހަގަކުރެވިފައިވާކަމަށާއި، ޤަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި އެއްވަރަށް އެމީހުން ރާއްޖެ އެތެރެ ކުރާ މީހުންނާއި، އެމީހުން ލައްވައި މަސައްކަތް ކުރުވާ މިހުންވެސް ޒިންމާވާންޖެހޭ ޖެހޭކަމަށެވެ. މިފަދަ މައްސަލަތައް ފެންމަތިވަމުންދާތީ ޤަވައިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން ނުގެންގުޅުމަށް އަންގައި ރިސޯޓްތަކަށް ސަރކިއުލާ އެއް ފޮނުވާފައިވާކަމަށްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ 90 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން ކަމަށެވެ.