ޚަބަރު

ކޮންސެޝަން ފީގެ ގޮތުގައި 60މިލިޔަން ގުޅިފަޅު އިންވެސްޓްމަންޓަށް


ގުޅިފަޅު ތަރައްގީކުރަމުންދާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓް ލިމިޓެޑުން، ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ދައްކަންޖެހޭ ކޮންސެޝަން ފީ، ފަސްދޮޅަސް މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އެ ފައިސާ ދައްކަމުންނުދާތީ އެ ކުންފުނި ބަނގުރޫޓް ވުމުގެ މަގުމަތީގައި ވާކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ހާމަކޮށްފިއެވެ.އެމް ބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ފަޒީލް ވިދާޅުވީ، ކޮންސެޝަން ފީ ނުވަތަ ބިމުގެ އަގުގެ ގޮތުގައި ކޮންމެ އަކަ ފޫޓަކަށް އެއް ރުފިޔާ ދައްކަންޖެހޭ އިރު، ގުޅީފަޅު ތަރައްގީކުރަން ފެށި ފަހުން އެ ކުންފުންޏަށް ދޭންޖެހޭ ކޮންސެޝަން ފީގެ އެއްވެސް ވަރެއް ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓުން ދައްކާފައިނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ކޮންސެޝަން ފީގެ ގޮތުގައި ފަސްދޮޅަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭ ކަމަށް ފަޒީލް ވިދާޅުވިއެވެ.ފަޒީލް ވިދާޅުވީ ފައިސާގެ ގޮތުން ކުންފުނި އޮތީ ވަރަށް ދަތި ހާލުގައި ކަމަށާއި، މިކަމުގައި އަވަސް ހައްލުތަކެއް ހޯދުމަށް ގްލޯބަލް ޕްރޮޖެކްޓްސް ލިމިޓެޑާއި އަދި ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ގުޅީފަޅުގައި މީހުން އާބާދުކުރުން އަވަސްކުރުމަށްޓަކައި ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏާއެކު އެއްބަސްވުންތަކަކަށް އާދެވި، އެ ކަންތައްތައް ފައިނަލް ކުރުމަށް ރައީސް އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޑެޓުން މައުލޫމާތުދެއެވެ.އެގޮތުން ގުޅިފަޅުގައި ހުރި ފެލްޓްތައް ހިމެނޭ ސަރަހައްދުން ކޮންސެޝަން ފީ ނުގަގާ ގޮތަށް ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މިގޮތަށް ނިންމާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް އެކަމުގައި ފައިނަލް ނިންމެވުމެއް ނިންމަވާނީ ރައީސް އޮފީހުން ކަމަށާއި، އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮމަންޓުން ހުށައަޅާފައިވާތީ އެކަން ކަމަށް ލަފާ ހޯއްދެވުމަށްވެސް ރައީސް އޮފީހަށް ފޮނުއްވާފައިވާ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން މައުލޫމާތުދެއެވެ. މިކަމާއި ގުޅިގެން ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓުން ބުނީ ގުޅިފަޅު ތަރައްގީ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެކަމުގައި  ކަމާއި ގުޅޭ އިދާރާތަކާއެކު އެއްބަސްވުންތަކެއް ގާއިމްކުރެވިފައިވާ ކަމަށާއި، ކޮންސެޝަން ފީގެ  މައްސަލަވެސް އެ އެއްބަސްވުންތަކާއި އެކު ހައްލުވެގެންދާނެ ކަމަށެވެ.