ސިއްޙީ ދާއިރާއަށް ބޭނުންވާ ލެބް ޓޭކްނީޝަނުން ތަމްރީނުކުރުމަށް އެކަމަށް ޚާއްސަ ޓްރެއިނިންގ ސެންޓަރެއް ވަރަށް އަވަހަށް އެސްޓީއޯއިން ޤާއިމްކުރާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑް ޙަފްލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރަމުންދާއިރު އެދާއިރާ އިތުރަށް ފުޅާކުރުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާއަށް އެންމެ މުހިއްމު އެއްބަޔަކީ ލެބް ޓެކްނީޝަނުންކަމަށާއި އަވަސް މުސްތަޤުބަލެއްގައި ލެބް ޓެކްނީޝަނުން ތަމްރީންކުރުމަށް ޚާއްސަ ސެންޓަރެއް އެކުންފުނިން ޤާއިމުކުރާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް އިންވެސްޓް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ވަނައެއް ލިބޭ ދަރިވަރަކަށް އެކުއްޖަކު ބޭނުންވާ ޔުނިވާރސިޓީއަކުން ކިޔެވުމުގެ ފުރުސަތާއިއެކު ފުލް ސްކޮލަރޝިޕެއް އެސްޓީއޯއިން ދޭން ނިންމާފައިވާކަމަށެވެ.
އެސްޓީއޯއަކީ ރާއްޖޭހެ ސިއްޙީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފަރމަސީތައް ޤާއިމުކޮށް، ސިއްޙީ ދާއިރާގެ އެކި މަސައްކަތްތަކަށް މުވައްޒަފުން ތަމްރީނު ކުރަމުންނެވެ.