ވިޔަފާރި

އެސްޓީއޯގައި ތެޔޮ ރައްކާކުރެވޭ ޖާގަ ދެގުނައަށް އިތުރުކުރަނީ


ރާއްޖޭގައި ތެޔޮ ރައްކާކުރާ ޖާގަ ދެގުނައަށް އިތުރުކޮށް، ތެޔޮ އުފުލާ ޓޭންކަރުތައް ތިން ގުނަ އިތުރުކޮށް، މުދާއުފުލާނެ ޝިޕިންގލައިނެއް ކުރިއަރުވަން ނިންމާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް  އާޒިމް ވިދާޅުވެއްޖެއެވެ.އެސް.ޓީ.އޯއަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ މިހާރަށްވުރެ ބޮޑަށް އެސްޓީއޯއަކީ ނަތީޖާނެރޭ ވިޔަފާރި ފުޅާކުރަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިޖްތިމާއީ ޚިދުމަތުގެތެރޭގައި ހަރުދަނާކަމާއެކު ހިގަމުންދާ ކުންފުންޏަކަށް ހެދުމުގެ ރޭވުންތައް ރޭވިފައިވާކަމަށާއި ކައިރި މުސްތަގްބަލެއްގައި އެކަން ފެނިގެންދާނެކަމަށެވެ.އެސް.ޓީ.އޯއަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޙާއްސަ ޖަލްސާ ވާހަކަފުޅު ދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް  އާޒިމް ވިދާޅުވީ، އެސް.ޓީ.އޯގެ ކުރިމަގަށް ތަސައްވަރުތަކެއް ރާވަމުންދާކަމަށާއި އެގޮތުން ގިނަގުނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.  މިތަސައްވަރުތަކުގެ ތެރޭގައި އިމާރަތްކުރުމަށް މަގު ބަންދުކޮށްގެން މަގުމަތީގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކަށް ކުރަމުންދާދިއުމަށް ނިމުމެއް ގެނައުމަށް "ބެޗިން" ޕްލާންޓެއް މާލޭގެ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން އެސް.ޓީ.އޯއިން މުދާ ގެނެވޭ މިންވަރު އިތުރަށް އަގޮހެޔޮކޮށް އަމިއްލަ ފަރާތްތަކަށް މުދާ އެތެރެކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސް.ޓީ.އޯ ޝިޕިންގ އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ގާއިމުކުރާ ބޭސްފިހާރަތަކަށް ބޭނުންވާ ބޭހާ މެޑިކަލް ސާމާނު ބަރާބަރަށް ފޯދުކޮށްދިނުމަށް ރައްކާތެރިކަމާއިއެކު ސްޓޯކޮށް ބެލެހެއްޓުމަށް އިމާރާތެއް ޤާއިމްކުރަން ހަމަޖެހިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.މިހާރުވެސް އިޖްތިމާޢީ ކަންކަމުގައި އެސް.ޓީ.އޯއިން އިސްރޯލެއް އަދާކުރަމުންދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވި، ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 71 ފާމަސީ ހުޅުވާފައިވާއިރު، 2016ވަނަ އަހަރު ފެށޭއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވޭނެކަމަށެވެ.އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުނިތައް ހަރުދަނާކޮށް، ހިންގުމުގެ ގޮތުން ކުންފުނިތަކުގެ ހިސާބުތައް ކުރާ ދުވަސްތައް ވަނީ ކުރިން ހޭދަވާ ތިން މަސް ދުވަހުގެ މުއްދަތަށް ފަސް ދުވަހަށް ކުރުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ބާޒާރުގައި ރައްޔިތުންގެ އަތްފޯރާފަށުގައި ބެހެއްޓުމަށް އެސްޓީއޯއިން މިހާތަނަށް އަދާކޮށްފައިވާ ރޯލް ކުރިމަގުގައިވެސް ހަރުދަނާކަމާއެކު ދަމަހައްޓަމުންގެންދަވާނެކަމަށް ވިދާޅުވިއެވެ.މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެސް.ޓީ.އޯގެ ޗެއަރމަން އަޙުމަދު ނިޔާޒް ވިދާޅުވީ، އެސް.ޓީ.އޯއަކީ، މާލީގޮތުން ފައިދާ ހޯދާ ޤައުމަށް އެހީވެދޭ ކުންފުންޏެއްގެ ގޮތުގައި ދެމި އޮންނާނެކަމަށެވެ.އެސް.ޓީ.އޯއަށް 50 އަހަރުފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައިވަނީ އެސް.ޓީ.އޯއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި، އެސް.ޓީ.އޯގެ ޗެއަރމަންކަމާއި މެނޭޖިންގ ޑިރެކްޓަރކަން ކޮންދެއްވި ފަރާތްތަކަށް ހަނދާނީ ފިލާދީފައެވެ.ރޭގެ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ކުންފުނި އެސް.ޓީ.އޯއަށް 50 އަހަރު ޤައުމީ ޚިދުމަތުގައި މިނަމުގައި އެސް.ޓީ.އޯގެ ފަންސާސް އަހަރުގެ ޚިދުމަތް ދައްކުވައިދޭ ފޮތް ނެރެދެއްވާފައެވެ.