ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގައި ގަރާޖު ރަޖިސްޓްރީކުރުމުގެ އުސޫލު އިސްލާހުކޮށްފި


ވެހިކަލް ޕާރކްކުރުމަށް ހުއްދަދީފައިވާ ގަރާޖުތަކުގައި ވެހިކަލް ޕާރކްކުރުން ނޫން އެހެން މަސައްކަތްތައް ކުރާނަމަ އެގަރާޖުތަކަށް ދީފައިވާ ވެހިކަލް ރަޖިސްޓްރީކުރުމުގެ ހުއްދަ ބާތިލްކުރާގޮތަށް އެކަމާ ގުޅޭ ޤަވާއިދު އިސްލާޙުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ގަރާޖު ރަޖިސްޓްރީކުރުމުގެ އުސޫލު އިސްލާހުކޮށް، އާއްމުކޮށްފައިވާއިރު، އެ އުސޫލަށް އަންނަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިން އަމަލުކުރަން ފަށާނެއެވެ. މިއުސޫލުގައިވާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރާނީ ގަރާޖުގެ ވެރިފަރާތުގެ ލިއުމަކާއި އައިޑީކާޑުގެ ކޮޕީއާއި އުޅަނދު ބާއްވާ ގަރާޖުގެ ރަޖިސްޓްރީ ފެންނަ ލިޔުމެއް ހުށަހަޅައިގެނެވެ. އަދި މިއުސޫލުގެ ދަށުން ގަރާޖުގެ ގޮތުގައި ބަލައިގަންނަނާނެ ތަންތަނާއި، ގަރާޖުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މިއުސޫލަށް ނުފެތޭ ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީކުރުމުގެ ހުއްދައެއް ނުދޭނެ. އަދި ވެހިކަލް ޕާކްކުރުން ފިޔަވައި އިތުރު ބޭނުމަކަށް ގަރާޖު ބޭނުންކުރާނަމަ އެފަދަ ތަނަކަށް ވެހިކަލް ރަޖިސްޓްރީއެއް ނުކޮށްދޭނެއެވެ. އަދި އިމާރާތްކުރުމަށް ހުސްކޮށްފައިވާ ބިމެއްފަދަ ތަނެއްގައިވެސް އުޅަނދުތައް ރަޖިސްޓްރީކޮށް ނުދޭއިރު، ދެ އުޅަނދަށްވުރެ ގިނަ އުޅަނދު ޕާކްކުރާ ތަންތަނުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުންވެސް ތިބެންޖެހޭނެކަމަށް މިއުސޫލުގައިވެއެވެ.

މިއުސޫލުގައިވާ ގޮތުން ވެހިކަލް ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ލިޔެކުންތަކަކީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ހާމަވެއްޖެނަމަ، އެފަރާތެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާއިރު، އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދާނެކަމަށެވެ.