ވިޔަފާރި

އުރީދޫގެ ސުޕަރނެޓް ތިނަދޫއަށް ތަޢާރަފްކޮށްފި


އުރީދޫ މޯލްޑިވްސްގެ "ސުޕަރނެޓް"ގެ ޚިދުމަތް ގދ. ތިނަދޫއަށް ތައާރަފްކޮށްފިއެވެ.

ތިނަދޫ މިއުޒިއަމް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޚިދުމަތް ތިނަދޫއަށް ތައާރަފްކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދުއެވެ.

ތިނަދޫއަށް ސުޕަނެޓް ޚިދުމަތް ފަށާފައިވަނީ ހަ މަސް ދުވަސް ވަންދެން ސުޕަރނެޓް ޕެކޭޖު ތަކުން 30 ޕަސެންޓު އިތުރު ޑޭޓާ އެލަވެންސް ލިބޭ ޕޮރޮމޯޝަނަކާއެކުއެވެ. ސަތޭކަ އެމް.ބީ.ޕީ.އެސްގެ ސްޕީޑުގެ މި ޚިދުމަތަކީ ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތެއް ކަމަށްވާއިރު، މިޕްރޮމޯޝަންގެ ދަށުން މި ޚިދްމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސޭލްސް އެންޑް ބްރޭންޑިންގެ ޑިރެކްޓަރު ޙުސެއިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ޓެކްނޮލިޖީގެ ގޮތުން އެކި ޚިދުމަތްތައް ތައާރަފްކުރަމުން ކަމަށެވެ. އަދި ތިނަދޫއަށް ސުޕަނެޓުގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ މާލެއަށް ދޫކުރާ ސްޕީޑު ކަމުގައިވާ 100 އެމްބީޕީއެސްގެ ސްޕީޑުގައި ކަމަށާއި އަދި އެޚިދުމަތް ތިނަދޫއަށް ފޯރުކޮށްދެނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ "ޒަމީން ކޮމްޕެނީ"ގެ ޕާޓްނާޝިޕެއްގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ ސުޕަނެޓުގެ ޚިދުމަތް މިހާރު ރާއްޖޭގެ 17 ރަށަކަށް ފޯރުކޮށްދީފައިވާއިރު، އިތުރު ރަށްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.