ޚަބަރު

ބޮޑު އަގުގައި ޓެކްސީކުރުން ހުއްޓުވަނީ


ޤަވާއިދާ ޚިލާފަށް ޕަސެންޖަރުންގެ އަތުން އަގު ނަގާ ޓެކްސީތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ހުޅުމާލެއާއި ހުޅުލެއާއި މާލޭގައި ދަތުރުކުރާ ޓެކްސީތައް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މިއަދު ހެނދުނުން ފެށިގެން ޓެކްސީތައް ހުއްޓުވައި، ޓެކްސީތަކުން ނަގާ އަގާ ގުޅޭގޮތުން ޕަސެންޖަރުންނާއި ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުމަވުންދާކަމަށެވެ. ފަހަކަށް އައިސް ޓެކްސީތަކުން ޤަވާއިދާއި ޚިލާފަށް އަގު ނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ބުނެއެވެ.

މާލެއާއި ހުޅުމާލޭގައި ޓެކްސީ ދަތުރަކަށް 25 ރުފިޔާ ނަގަމުންއައި ނަމަވެސް، ބްރިޖު ހުރަސްކޮށް މާލެއާއި ހުޅުލެއާއި ހުޅުލެއަށް ކުރާ ޓެކްސީ ދަތުރުތަކުން އެކި ފަހަރު އެކި އަގުތައް ނަގަން ފެށުމުން، އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވަކި އަގުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހުޅުލެއާއި މާލެއާ ދެމެދުގެ ކުރާ ޓެކްސީ ދަތުރުތަކުގެ އަގަކަށް ކަނޑައަޅާފައިވަނީ 35 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގަކަށް ކަނޑައަޅާފައިވަނީ 40 ރުފިޔާއެވެ.

ނަމަވެސް މާލެއާއި ހުޅުލެއާއި، ހުޅުމާލެއާއި މާލެއާ ދެމެދު ޓެކްސީ ދަތުރުތައް މިހާރު އާއްމުކޮށް ކުރަނީ 100 ރުފިޔާއަށެވެ. މި އަގަކީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގާ ޚިލާފް އަގެކެވެ.