ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑު ޤާއިމް އިބްރާހިމަށް


ބްލޭޒަން ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށް ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑުގެ "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑު ޤާއިމް އިބްރާހިމަށް ދީފިއެވެ.

ޕެރަޑައިސް އައިލެންޑު ރިސޯޓުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު ހަފްލާގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކާއި، ވަކި ވިޔަފާރިވެރިންނަށް ވަނީ އެވޯޑު ދީފައެވެ. 20 ކެޓަގަރީއަކުން އެވޯޑު ދިން މިހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑުކަމަށްވާ، ވިޔަފާރީގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ޝަހްސިއްޔަތުގެ އެވޯޑު ނުވަތަ "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑު ދީފައިވަނީ ވިލާ ގްރޫޕުގެ ބާނީ ޤާސިމް އިބްރާހީމަށެވެ.

ހަފްލާގައި ޤާސިމް އިބްރާހީމަށް މިއެވޯޑު އެރުވީ ނިޝާންއިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ.
އެވޯޑާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ޤަސިމް ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ އަގުވަޒަންކުރުމަށް ޒުވާނުންތަކެއް ހިމެނޭ ބްލޭޒަންއިން މިފަދަ ހަރަކާތެއް އިންތިޒާމްކުރިކަމަށްޓަކާ ޝުކުރުއަދާކުރައްވާފައެވެ.

" މަސައްކަތްތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަރާތްތަކުގެ މަސައްކަތްތައް ފާހަގަކުރުމަކީ، ކޮންމެ ޤައުމެއްގައިވެސް ކުރަންޖެހޭ ކަމެއް. ކަމެއްކޮށް، އެކަމެއް ކުރާ ބަޔަކަށް ހިތްވަރުދީގެން އެކަމެއް ތަރައްޤީކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް." ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމަކީ ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިއާއެވެ. ޤާސިމް އިބްރާހީމް އެންމެ ފުރަތަމަ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެންފައިވަނީ، 1976 ވަނަ އަހަރު، އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. މިގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 15،000 ރުފިޔާގެ ލޯނެއް ނަގައިގެން ފެށި ކުޑަކުޑަ ވިޔަފާރި މިއަދު ވެފައިވަނީ، ދިވެހިރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ކާމިޔާބު އެއް ވިޔަފާރީގެ ގޮތުގައެވެ.

ވިލާ ގްރޫޕްގެ ބާނީ ޤާސިމް އިބްރާހީމް އެންމެ ފުރަތަމަ ވިޔަފާރި ފަށައިގަތްއިރު އެތައް ބައިވަރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވިޔަފާރި ފުޅާކުރުމަށް އެމަނިކުފާނަށް ފުރުސަތު ލިބިގެންދިޔައީ 1986 ވަނަ އަހަރު ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވެންނެވި ހިސާބުންނެވެ.

ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތައް ހިންގުމާއި، ތައުލީމީ ދާއިރާގައި ވިލާ ކޮލެޖު ހުޅުވާ ބޭރުގެ ކޯސްތައް ތައާރަފްކުރުމާއި، ވައިގެ އުދުހުންތަކުގެ ޚިދުމަތްވެސް ދެމުންނެވެ.