ވިޔަފާރި

ތިމާވެއްޓާއި ރަށްޓެހި، ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހޮޅި ވެލައްސަރު ރިސޯޓުގައި ތަޢާރަފްކޮށްފި


އެކި ކަހަލަ ބުއިންތައް ބުއިމަށް ބޭނުންކުރުމަށްފަހު އެއްލާލުމުގެ ބަދަލުގައި، ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހޮޅި ވެލައްސަރު މޯލްޑިވްސް ރިސޯޓުގައި ތަޢާރަފްކޮށްފިއެވެ.

އެޑިބަލް ނުވަތަ ކާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހޮޅި ވެލައްސަރު މޯލްޑިވްސް ރިސޯޓުގައި ތަޢާރަފްކޮށްފައި މިވަނީ، އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް މަދު ކުރުމަށް ހިންގާ ޤައުމީ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުންނެވެ.

ވެލައްސަރު ރިސޯޓުގައި ތަޢާރަފްކޮށްފައިވާ ހޮޅިތަކަކީ ކާން އެކަށީގެންވާފަދަ މާއްދާތަކުން ތައްޔާރު ކޮށްފައިވާ ހޮޅިތަކެކެވެ. މި ހޮޅިތަކުގެ ތެރޭގައި ޗޮކްލެޓާއި، ސްޓްރޯބެރީގެ ރަހަ ހިމަނާފައިވާ ހޮޅިވެސް ހުރެއެވެ. އަދި އެއްވެސް ރަހައެއް ނުލާ "ނިއުޓްރަލް އެޑިބަލް" ހޮޅިވެސް ވެލައްސަރު މޯލްޑިވްސްއިން މެހެމާނުންނަށް ފޯރުކޮށްދެއެވެ.

ޔުނިވަރސާލް ރިސޯޓުން ހިންގާ ވެލެއްސަރު މޯލްޑިވްސްއަކީ މާލޭގެ ދެކުނުން 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލިބޭ 5 ރެސްޓޯރެންޓެއް ހުރެއެވެ.

އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ކުރިއަށްގެންދާ ޤައުމީ ކެމްޕެއިންގައި ވެލައްސަރު ރިސޯޓު ބައިވެރިވެފައިވާއިރު، ގިނަ ރިސޯޓްތަކަކާއި ސަރުކާރުގެ ވުޒާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އަންނަނީ މިކެމްޕެއިންގައި ބައިވެރިވަމުންނެވެ.