ވިޔަފާރި

ލިވަބޯޑް ދާއިރާ ކުރިއެރުވޭނީ ތައުލީމީ ދިވެހިން މި ދާއިރާއަށް ނިކުމެގެން - ލޭމް


ތައުލީމީ ދިވެހި ޒުވާނުން ސަފާރީތަކުގައި ޙިދުމަތްދޭން އައުމަކީ މި ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެކަމެއްކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލޭމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިގްނާޒް ވިދާޅުވީ، ގިނަ މީހުންނަށް ވިސްނިފައިއޮތީ ސަފާރީތަކުގައި ޙިދުމަތްދޭން އަންނަނީ ނުކިޔަވާތިބޭ މީހުންކަމަށެވެ. ނަމަވެސް މިއީ ބޯދާ ވިސްނުމެއްކަމަށާއި، ސަފާރީތަކަކީ ފަތުރުވެރިކަމުގެ މުހިންމު ދާއިރާއެއްކަމަށެވެ.

ސަފާރީތަކުން ޙިދުމަތް ލިބިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަންތީގެ މީހުންއަންނަކަމަށާއި، އެހެންކަމުން އެމީހުންނަށް ޙިދުމަތްދިނުމުގެ އިތުރުން މުއާމަލާތްކުރަންވެސް އެނގުމަކީ މުހިންމުކަމެއްކަމަށް އިގްނާޒް ވިދާޅުވިއެވެ.

ލޭމުން ބުނާގޮތުގައި ސަފާރީ ތަކުގައި ޙިދުމަތްދިނުމަށް މިހާރު މަސައްކަތްކުރާ ދިވެހީންގެ ނިސްބަތަކީ 80 އިންސައްތައެވެ. އިގްނާޒް ވިދާޅުވީ، ލިވަބޯޑް އެސޯސިއޭޝަންގެ އަމާޒަކީ މުޅި މި އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަކީ، ދިވެހިންނަށް ހަދައި، ރާއްޖެއިން ބޭރަށްދާ ފައިސާ މަދުކުރުންކަމަށެވެ.

ސަފާރީއާއި ޔޮޓްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ލިވަބޯޑް އެސޯސިއޭޝަނުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މީގެ ސަބަބުން މި ދާއިރާއަށް ނިކުންނަ ދިވެހިންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ސަފާރީއާއި ޔޮޓްތަކުގެ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިޞާދުގައި އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުހިންމު ދާއިރާއެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބޔތަކަށް ބަލާއިރު، ރާއްޖޭގައި 150 ސަފާރީ އުޅަނދު ރަޖިސްޓްރީކޮށްގެން ހިންގަމުންއަންނައިރު، މި ސަފާރީތަކުން އަހަރަކު އެތައް މިލިއަން ރުފިޔާގެ ޓެކްސް ދައުލަތަށް ދައްކައެވެ.