ޚަބަރު

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދަނީ


ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން، ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ ދިރާސީ އަހަރާއެކު ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓް އެންމެ ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 25 ސްކޫލެއްގައެވެ. އެއީ މާލެ ސިޓީގެ 3 ސްކޫލަކާއި، ވިލިމާލެއިން 1 ސްކޫލާއި، ހުޅުމާލެއިން 1 ސްކޫލާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން ސްކޫލެކެވެ. ޕައިލެޓް ޕްރޮޖެކްޓް ހިންގާ ސްކޫލްތަކުން ވަނީ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް، އެކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އެގޮތުން މިހާތަނަށް މާލޭގެ 4 ސްކޫލަކާއި، އަތޮޅުތެރޭގެ 18 ސްކޫލަކުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ވަޢުދުގެ ޕައިލެޓް ޕްރޮޖެކްޓް 25 ސްކޫލެއްގައި ފެށުމަށް ހަމަޖެހިފައިވާނަމަވެސް، ޕައިލެޓް ޕްރޮޖެކްޓަށްފަހު ކުރިއަށްއޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮޖެކްޓް ފަށާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ މަޝްރޫޢާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް މާދަމާރޭ ޚާއްޞަ ފޯރަމެއް ބޭއްވުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.