ޚަބަރު

ކޯލިޝަނުން މަޖިލީހަށް ވާދަކުރުމުގައި ހުރި މައްސަލަތަކަށް ކުރިއެރުންތަކެއް ލިބިއްޖެ- ރައީސް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭގޮތުން އުފެދިގެން އުޅޭ މައްސަލަތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއެކު ހޮޓެލް ޖެންގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވާދަކުރާނެ އުސޫލަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފެށިފައިވާ ކަމަށާއި، އެކަމުގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެކުގައި ވާދަކުރުމުގައި އުފެދިގެން އުޅޭ މައްސަލައަށް ގޮތެއް ނިންމާނީ ހަތަރު ލީޑަރުންނަށްވެސް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން ޕާޓީތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކުގެ ތެރެއިން ވާދަކުރެވޭނެ ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގައި ދެން ވާހަކަ މި ފެށުނީ އަނެއްކާވެސް. އަދި މިއަދަކު ނިންމުމަކަށް ނާދެވޭ. އެހެން ވިޔަސް ކުރިއެރުންތައް އެބަހުރި. އެހެންވީމަ އަދި އިތުރު ބައްދަލުވުންތައް އެކަމުގައި ކުރިއަށް ދާނެ،" ރައީސް ޞާލިހް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެއްވެސް ހާލެއްގައި މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީން ނިންމާފައި ނުވާ ކަމަށެވެ. އެގޮތުން އެމްޑީޕީން ނިންމާފައިވަނީ 87 ދާއިރާގެ ތެރެއިން 86 ގޮނޑިއަށް ވާދަ ކުރަން ކަމަށާއި އެ ނިންމުމަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން އެންމެ އެދޭ ގޮތަށް ނުވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދޭ ހުރިހާ ގޮތެއް އެއީކީއެއް އިއްތިހާދުގެ ހުރިހާ ޕާޓީތަކުން އެދޭ ގޮތް ކަމަށް ނުވެދާނެ. އެމްޑީޕީން އެދޭ ގޮތް އެމްޑީޕީގެ މެންބަރުން ވަރަށް ސާފުކޮށް ބުނެދީފި،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމުގައި ޕާޓީތަކުން އަމަލު ކުރާނެ އުސޫލަކާމެދު ގޮތެއް ނުނިންމި ދިގުލައިގެން ދިއުމަކީ ޖޭޕީގެ މެމްބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށާއި، ކޯލިޝަނުން ވަކި ގޮތެއް ނުނިންމަނީސް އެމްޑީޕީން ހުރިހާ ދާއިރާތަކަށް ވާދަ ކުރަން ނިންމި ނަމަވެސް ޖޭޕީގެ ވިސްނުމަކީ އެއީ ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިއަދު މުޅިން ނިމުމަކާ ހަމަޔަށް ނުދިޔަ ދިއުން އެއީ އަޅުގަނޑުމެންގެ ޕާޓީން ނުކުންނަން ތިބި ބޭފުޅުން ވަރަށް ކަންބޮޑުވާ ކަމެއް. އެދެން އެމްޑީޕީން މިހާރުވެސް 87 ދާއިރާއަށް ނުކުންނަން ނުވަތަ 86 ދާއިރާއަށް ކަމަށް ދެންމެ ވިދާޅުވި އަޑު އަހައިފިން. ދެން އެހެންވީމާ އަދި އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތް މުޅިން ސާފުނުވެގެން މިދަނީ." ޤާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ނުކުންނަ ގޮތަށް ނިންމައި އެމްޑީޕީން ވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރުމަށް ހުޅުވާލާފައެވެ. އެއާއެކު އެއް ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް މެންބަރުން ވަނީ ކުރިމަތިލާފައެވެ.