ސިޔާސީ

އެލްޖީއޭގެ ބޯޑަށް ހޯމް މިނިސްޓަރ އުމަރު ނަސީރު


ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަށް ކަނޑައަޅުއްވާ މެންބަރުކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު އައްޔަންކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި އެބޯޑުގެ ރައީސްކަންވެސް ކުރެއްވި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އިއްޔެ ވަޒީރުކަމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.އެލް.ޖީ.އޭގެ ރައީސްކަމުގެ މަޤާމުވެސް ހުސްވެފައިވާއިރު ލާމަރުކަޒީ ޤާނޫނޫގައިވާ ގޮތުން އެބޯޑުގެ ރައީސަކު އައްޔަންކުރާނީ ބޯޑު މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.އެލްޖީއޭގެ ބޯޑަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ހަމަޖައްސަވާފައިވާއިރު އާއްމުންގެ ތެރެއިން އެބޯޑަށް ކަނޑައަޅާފަ ހުންނަވާ މެންބަރު ޝުޖާއު ހުސެއިންގެ ސުލޫކީ މައްސަލައެއް އެލް.ޖީ.އޭ ބޯޑުން އެކުލަވާލި ކޮމިޓީއަކުން ބަލާ އޭނާއާމެދު ފިޔަވަޅުއެޅުމަށް  ރައްޔިތުންގެ މަޖިލީހަށްވަނީ ހުށައަޅާފައެވެ.ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީންވަނީ ޝުޖާއު ހުސައިން އެލްޖީއޭ ބޯޑުން ވަކިކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް އެމައްސަލަ ހުށައަޅުމަށް ފޮނުވާފައެވެ. އަދި މަޖިލީހުގެ ތަޅުމުން ވަކިގޮތެއް ނިންމަންދެން ޝުޖާޢު ހުސެއިން އެލް.ޖީ.އޭ ބޯޑުން ސަސްޕެންޑް ކުރުމަށްވެސް ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.