ވިޔަފާރި

ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އަންނަ އަހަރު 19 ފެއަރއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރުސީ


މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ސަރުކާރުން ވަނީ، އަންނަ އަހަރަށް 154.2 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ. މިއާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، މީގެ ކުރިން ބައިވެރިނުވާ 2 ފެއަރއަކާއެކު ޖުމްލަ 19 ފެއަރއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް ނިންމާފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އިސްތިހާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއެމްޕީއާރުސީން ވަނީ 2019 ގައި ރާއްޖެއިން ބައިވެރިވާނެ ފެއަރތަކުގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓަށް ބަލާއިރު، އަންނަ އަހަރު ޖުމްލަ 19 ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވާނެއެވެ. ރާއްޖެއިން މުޅިން އަލަށްބައިވެރިވާ ފެއަރތަކަށްބަލާއިރު، އިންޑިއާގެ ޗެންނާއީ އަދި ބެންގަލޫރުގައި ބާއްވާ ޓްރެވަލް އެންޑް ޓުއަރިޒަމް ފެއަރ، ޓީޓީއެފްގެ ފެއަރ ހިމެނެއެވެ.

ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ހޭދަކުރާ ބަޖެޓުވެސް އަންނަ އަހަރަށް އިތުރުކޮށްދީފައެވެ. މިކަމާބެހޭ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް އިސްތިހާރުކުރުމަށް ކަނޑައެޅި ބަޖެޓް އިތުރުކުރުމުގެ މައިގަނޑު ވިސްނުމަކީ، ރާއްޖޭގެ ރަށްތައް ވަކި ޑެސްޓިނޭޝަންތަކުގެ ގޮތުގައި އިޝްތިހާރުކުރުންކަމަށެވެ.

"
ދިވެހިރާއްޖެ ޑެސްޓިނޭޝަންސް ތަކެއްގެ ގޮތުގައި މާރކެޓުކުރަން ބެޖެޓު ބޮޑުވެގެން މިދިޔައީ. އެއާއެއްކޮށް ކޮންމެ ޑެސްޓިނޭޝަންގެ ސްޓޯރީޒްތައްވެސް އަންނަން އެބަޖެހޭ. މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް ދިވެހިރާއްޖޭގެ ކަލްޗަރ އެންޑް ހެރިޓޭޖް ހިމާޔަތްކޮށް، އެވާހަކަތަކާ އެއްކޮށް، ދިވެހިރާއްޖޭގެ ރަށްތަކާއި، ހިސާބުތައް ޑެސްޓިނޭޝަން ތަކެއްގެ ގޮތުގައި މާރކެޓްކުރުން. ރާއްޖޭގެ ސަޤާފަތާއި ތާރީހުގެ ވާހަކަތައް ފަތުރުވެރިންނަށް އެބަ އެނގެންޖެހޭ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ދިވެހިރާއްޖެ އިސްތިހާރުކުރުމަށް ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 154.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު، ގާތްގަނޑަކަށް 3 ގުނަ އިތުރު އަދަދެކެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން އަންނަ އަހަރުވެސް ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކަމަށްވާ އައިޓީބީ ބާރލިން ފެއަރ އަދި ލަންޑަންގެ ވޯލްޑް ޓްރެވަލް މާރކެޓްގައިވެސް ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ. މީގެއިތުރުން ސްޕެއިން، ސްވިޒަރލޭންޑް، ތުރުކީ، އިޓަލީ، ތައިލޭންޑު، ރަޝިޔާ، ޗައިނާ، ޔޫއޭއީ، ޖަޕާނު، އަދި ޕެރިހުގައި ބާއްވާ ފަތުރުވެރިކަމާބެހޭ ފެއަރތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ތައްޔާރުވަމުންނެވެ.

އަންނަ އަހަރު ބައިވެރިވާ ފެއަރތަކުގެ ވަގުތީ ލިސްޓް އެމްއެމްޕީއާރުސީގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު، މީގެތެރެއިން ބައެއް ފެއަރތަކުގެ ސްޓޭންޑު ހެދުމަށާއި، ފެއަރތަކުގެ ސަޤާފީ ހަރަކާތްތައް ހިންގުމުގެ އިތުރަށް ފެއަރތަކާބެހޭ އެހެނިހެން ކަންކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެކުންފުނީގެ ވެބްސައިޓުގައިވަނީ އިއުލާންކޮށްފައެވެ. އަދި މީގެތެރެއިން ބައެއް ފެއަރތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އެމްއެމްޕީއާރުސީއިން ވަނީ މިހާރު ހުޅުވާލާފައެވެ.