ތަޢުލީމު

ގްރޭޑް1،2،3ގެ ދަރިވަރުންގެ އިސްލާމް ދިވެހި ފޮތް ޗާޕްކުރަނީ


ގްރޭޑް އެކަކާއި ދޭކާއި ތިނެއްގެ ދަރިވަރުންގެ އިސްލާމް ދިވެހި ޓެކްސްޓް ފޮތް ޗާޕްކުރަން މިހަފްތާގައި ބަޔަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ، މިހާރު ފޮތް ޗާޕްކުރަން ބިޑް ހުށަހެޅިފަރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައެޅިފައިވާ ކަމަށެވެ.އިސްލާމް ދިވެހި ޓެކްސްޓް ފޮތް ޗާޕްކުރާއިރު އަރަބި ފޮތްވެސް ޗާޕްކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ މި ހިނގާ ޖެނުއަރީ މަސް ނިމެންވާއިރަށް ފޮތް ޗާޕްކޮށްގެން ނެރެވޭވަރު ކުރައްވާނެކަމަށެވެ.މިދިޔަ އަހަރު އެޑިޔުކޭޝަނުން ވަނީ ގްރޭޑް އެކަކަށް އަލަށް އަރަބިބަސް ތަޢާރަފްކޮށްފައެވެ.އަރަބި ކިޔަވައިދެނީ އެސްކޫލަކުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަރަބި ކިޔަވައިދިނުމަށް އެދުމުން ޓީޗަރުން ހަމަޖައްސާ އަރަބި ބަސް ތަޢާރަފްކުރާގޮތަށެވެ. އެގޮތަށް މިއަހަރަށް އެދިފައިވާ ހުރިހާ ސްކޫލަކަށް މިހާރު ޓީޗަރުން ހަމަޖެހިފައިވާ ކަމަށްވެސް އެޑިޔުކޭޝަނުން މައުލޫމާތުދެއްވައެވެ.މާލޭގެ ބައެއް ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ހުރިހާ ކްލާހެއްގައި މިއަހަރު އަރަބި ކިޔަވައެއް ނުދެއެވެ. އެއީ އަރަބި ކިޔަވައިދެނީ އެކަމަށް އެދޭދަރިވަރުން އެއްކްލާހެއްގައި ހިމެނޭގޮތަށެވެ.މިއަހަރު އައްޑޫ ސިޓީ ނޫރާނީ ސްކޫލް ވަނީ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ތަޢާރަފްކޮށްފައެވެ.