ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައެއް ޒުވާނުންނަށް އެޗްޑީސީން ވަޒީފާ ދީފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީީން މިއަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައެއް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ދީފިއެވެ.

ޒުވާނުން ތަމްރީނު ކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ބެޗް ނިންމި 18 ބައިވެރިއަކަށް އެޗްޑީސީން ވަނީ އެ ޕްރޮގްރާމް ނިންމިކަމުގެ ސެޓްފިކެޓް ދީފައެވެ. އަދި އޭގެ ތެރެއިން 10 ބައިވެރިއކަށް އެޗްޑީސީން ވަނީ ވަޒީފާގެ ފުރުޞަތު ދީފައެވެ. މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އެންމެ އަންހެން ކުއްޖެއްކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގްރާމްގައި 25 ޒުވާނަކު ބައިވެރިވެފައިވާއިރު ޕްރޮގްރާމް ނިންމާފައިވަނީ 18 ޒުވާނުންނެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމް ނިންމި ޒުވާނުންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ދީފައިވަނީ އެންމެ ޤާބިލް މީހުން ބެލުމަށްފަހުގައި ކަމަށެވެ. އަދި ވަޒީފާ ނުލިބުނު ޒުވާނުންނަށްވެސް މި ޕްރޮގްރާމަކީ ކުރިއަށްދިއުމަށް އެޅުނު ބިންގަލެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް އެޗްޑީސީން ވަނީ އިލްތިމަސް ކޮށްފައެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 3 ދާއިރާއެއްހިމެނޭގޮތަށެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މެނޭޖްމަންޓްއާއި، ބިލްޑިންގ މެއިންޓެނެންސްގެ އިތުރުން ސަރވޭއިން ހިމެނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެޗްޑީސީގެ މުވައްޒަފުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.