ޚަބަރު

އިމާރާތްކުރުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޤަވާއިދު އަންގާރަ ދުވަހު އޭޖީ އޮފީހަށް ފޮނުވަނީ


އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ ޤަވާއިދު އަންނަ އަންގާރަދުވަހު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓް އަސްލަމް ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ސީރިއަސް މަސައްްކަތެއްގެ ގޮތުގައި ކުރަމުންދާކަމަށެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް، ޚިޔާލު ހޯދުމަށް އިންޖިނިއަރުންނާއި، އަރކިޓެކްޗަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ޤާނޫނީ ލަފަޔަށް އެދުމަށް ބަންޑާރަނައިބުގެ އޮފީހަށް އަންގާރަދުވަހު ފޮނުވުމަށް ނިންމާފައިވަކަމަށް މިނިސްޓަރ ވިދާޅުވި.

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް،،،،،މަޤްސަދަކީ ސައިޓުތަކުގެ މަސައްކަތް ހުއްޓުވުމެއް ނޫން. ބޭނުމަކީ ސަލާމަތާއި ތައްކާތެރިކަމަށް ފިޔަވަޅުއެޅުން. މި އެކުލަވާލާ ޤަވައިދުގައި 14 ކަމެއް ހިމެނޭނެ."

އިމާރާތްކުރުމުގެ ރައްކާތެރިކަން ހުރި މިންވަރު ދެނެގަތުމަށް މިހާތަނަށް 237 ކޮންސްޓްރަކްޝަން ސައިޓު ބަލާފައިވާއިރު، މައްސަލަތައް ރަނގަޅުކުރުމަށްޓަކައި 17 ތަނެއްގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރިއިން ބުނޭ. ޕްލޭނިންގް މިނިސްޓްރީއާއި ސިޓީ ކައުންސިލާއި ކަމާ ގުޅުންހުރި މުޢައްސަސާތަކުން ގުޅިގެން، އިމާރަތްކުރުމުގެ މަސައްކަތް ކުރާ ސައިޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި މާލެ، ހުޅުލެ، ހުޅުމާލެ ހިމެނޭހެން 460 ސައިޓެއް ޗެކް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތާ ގުޅޭ ފަހުގެ މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ ވިދާޅުވީ މަސައްކަތް ހުއްޓާލުމަށް އަންގާފައިވަނީ މާލޭގެ ތިން ތަނަކާއި، ވިލިމާލޭގެ ދެ ތަނަކާއި، ހުޅުމާލޭގެ 12 ތަނެއްގެ ކަމަށެވެ. މީގެތެރެއިން 2 ސައިޓުގައި ހުރި މައްސަލަތައް މިހާރު ޙައްލުކޮށް މަސައްކަތްތައް އަލުން ފަށާފައިވާކަމަށްވެސް އަންވަރު ވިދާޅުވި.

އިމާރާތްކުރާ ސައިޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ހުރިހާ މުޢައްސަސާތައް ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 23 ޓީމަކުން، 46 ސަރވެއަރުން ގެންދަނީ ސައިޓްތަކުގެ މަސައްކަތްތައް ބަލަމުންނެވެ.