ސިޔާސީ

އެމްޓީޑީ އުފެއްދުމުގެ ޖަލްސާ މިމަހުގެ 24 ގައި


މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓް ޕާޓީ (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ޖަލްސާ މި މަހުގެ 24ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޓީޑީގެ މުސްތަޝާރު އިސްމާޢީލް އާސިފް ވިދާޅުވީ އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ 24ވަނަ ދުވަހުގެރޭ 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ އެޖަލްސާގައި ކުރިއަށްދާނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބުނެފައިވާގޮތަށް ޕާޓީގެ އަސާސީ ޤަވާޢިދު ފާސްކުރުމާއި ޕާޓީގެ ކައުންސިލަށް މެންބަރުން ޢައްޔަންކުރުން ކަމަށެވެ.

ސީޔާސީ ޕާޓީތަކުގެ ޢާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ޕާޓީގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން ތިންސަތޭކަ މީހުން ބައިވެރިވާންޖެހޭނެއެެވެެ. އަދި އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވާ މި ބައްދަލުވުގައި ޕާޓީގެ އަސާސީ ޤަވައިދާއި މެނިފެސްޓޯއާގުޅޭ ނިންމުންތައް ނިންމަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެއާއެކު އެޕާޓީން ވަނީ ތިންހާސް މެންބަރުން ހަމަކޮށް އިލެކްޝަނަށް ހުށަހަޅާފައެވެ.

އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި އޭގެ ފަހުން ޕީޕީއެމްގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދުވެސްވަނީ އެޕާޓީން ވަކިވެވަޑައިގެން އެމްޓީޑީއާ ގުޅިވަޑައިގެންފައެވެ.