ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
"އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސްބޯޓު ފެނިފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓުގައި ސްރީލަންކާގެ 6 މަސްވެރިން ތިބިކަމަށް އެމްއެންޑިއެފުން ބުނެއެވެ.
މި ބޯޓް ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓްކޮށްފައިވަނީ، އިއްޔެ މެންދުރު 13:12 ހާއިރު އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި މަސްބޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު 16:30 ހާއިރުއެވެ.
މި ބޯޓު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ 23:40 ގައި ޏ.ފުވައްމުލަކަށް ގެންގޮސް، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.