ޚަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދައިފި


ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދައިފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އިންތިޒާމުކޮށްގެން، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމް އޮތީ ރަސްރަނި ބަގީޗާގައެވެ.

މިފޯރަމްގައި ބައެއް ޢާންމުން ވަނީ ކަޅުވަކަރު މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ ހުޅުމާލޭ ފަދަ ތަނަވަސް ބިން ބޮޑު ތަނެއްގައި ކަމަށް ޚިޔާލު ހުށަހަޅާފައެވެ.

އަނެއް ބަޔަކު ބުނެފައިވަނީ، ކަޅުވަކަރު މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ އެމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް ކުރިންވެސް އެމިސްކިތް ހުރި ސަލްޓަން ޕާރކް ސަރަޙައްދުގައި ކަމަށެވެ. އަދި އަލުން މިސްކިތް ބަހައްޓާއިރު، މިއުޒިމާއެކު އެތަނުގައި ނަމާދު ކުރެވޭ ގޮތަށާއި ފަތުރުވެރިންނަށް މިސްކިތް ބަލާލެވޭ ގޮތަށް އިންފޮމެޝަން ސެންޓަރެއް ޤާއިމްކޮށް ފީއެއް ނަގައިގެން އެތަން ތަރައްޤީކުރަން ބައެއް މީހުންވަނީ ޚިޔާލު ހުށަހަޅާފައެވެ.

ޢާންމުންގެ ޚިޔާލު އަޑުއެއްސެވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ޤައުމީ ތަރިކަ ކަމަށްވާއިރު، ކަޅުވަކަރު މިސްކިތް ބަހައްޓާނީ ގިނަ ދުވަހު ރައްކާތެރި ކޮށް ބެލެހެއްޓޭ އަދި ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި މިކަމުގައި ޢާންމުން ދެކޭ ގޮތް ބެލުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިފޯރަމްގައި، ގިނަ ބަޔަކު ވަނީ ކަޅުވަކަރު މިސްކިތް ރައްކާތެރި ގޮތުގައި ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތަށް ހެދުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ކަޅުވަކަރު މިސްކިތް ބިނާކޮށްފައިވަނީ މީލާދީ ގޮތުން 1789 އަހަރުއެވެ. އެފަހުން ތިން ފަހަރެއްގެ މަތިން އެމިސްކިތް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އެންމެ ފަހުން އެމިސްކިތް ބަހައްޓާފައިވަނީ ސަލްޓަން ޕާރކުގައެވެ. ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށް، 8 މެއި 2016 ގައި އެމިސްކިތް އެތަނުން ނަގައި ރޫޅާލާފައެވެ.

މިފޯރަމްގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތާރިޤާއި މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވަނީ ބައިވެރިވަޑައިގެންފައެވެ.