ވިޔަފާރި

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެނައުމަށް ދަނީ ވިސްނަމުން - މިނިސްޓަރ މަލީހް


ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލެއް ގެނައުމަށް ވިސްނަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމަށްޓަކާއި އެހެން ޤައުމުތަކާއި ރާއްޖެއާއި ޑިޖިޓަލްކޮށް ގުޅިފައިވާ ގުޅުން ހަރުދަނާ ކުރަންޖެހޭކަމަށެވެ. އަދި އިންޓަނެޓްގެ ސްޕީޑު އަވަސްކޮށް، އަގުހެޔޮކުރުމަށް ސިންގަޕޫރުފަދަ ޤައުމަކުން ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްއެއް ގެނައުމަށް ވިސްނަމުންދާކަމަށް މަލީހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މިހާރަށްވުރެ ރާއްޖެއަށް އޮތް ކަނެކްޓިވިޓީ އިތުރުކުރުމައްޓަކާ، ރާއްޖެއަށް އޮތް ކެޕޭސިޓީ ފުޅާކުރުމަށްޓަކާ. އަދި މިއާގުޅިގެން އެބައާދޭ ނެޓުގެ އަގުހެޔޮ ކުރުމުގެ ވާހަކަޔާއި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރާ ވާހަކަ. އެހެންވެ މިވާހަކަތައް ދައްކާއިރު، މީގެ އެންމެ މުހިންމު ބެކްބޯނަކީ މިދެންނެވި ރާއްޖެ އަންނަ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ނިޒާމް. އެހެންވެ އަޅުގަނޑުމެން މިހާރު ވިސްނަމުން މިދަނީ އިތުރު ސަބްމެރިން ކޭބަލެއް ރާއްޖެ ގެނެވޭނެ ގޮތެއް. އެގެނައުމުގައި އަޅުގަނޑުމެންގެ ވިސްނުން ހުރީ އެންމެ ރަނގަޅު، އެންމެ އެކްސްޗޭންޖުތައް ގިނަ، މިސާލަކަށް ސިންގަޕޫރުގެ އެބަހިމެނޭ މިރީޖަންގައި އެންމެ އިންޓަރނޭޝަނަލް އެކްސްޗޭންޖުތައް ގިނަ އެއް ޤައުމަކީ ސިންގަޕޫރުގެ ކޭބަލް ރާއްޖެއަށް ގުޅާލުމަކީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުވުމެއް. އެފްރިކާ ބައްރަށް ބަލާނަމަ ޖިބޫޓީއަކީ އިންޓަރނޭޝަނަލް ދުނިޔޭގެ އެކި ޤައުމުތަކަށް ކޭބަލްތައް ގުޅުވާލާފައިވާ ޤައުމެއް." މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކާ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކުގައި އިންޓަރނެޓުގެ އަގު ހުރި ގޮތް ބެލުމަށް ސަރވޭ ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަސައްކަތް ނިމުމުން ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށާއި ސަރުކާރާއި އާންމުންނަށް ފައިދާވާނެ ގޮތަށް އިންޓަރނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްއެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އުރީދޫއާއި ދިރާގުުން ވަނީ ދެ ސަބްމެރިން ކޭބަލް ރާއްޖެ ގެނެސްފައެވެ. މީގެތެރެއިން އެއް ކޭބަލަކީ އިންޑިއާއިން ގެނެސްފައިވާ ކޭބަލްއަކަށްވާއިރު އަންނަ ކޭބަލަކާއި ސްރީލަންކާއިން ގެނެސްފައިވާ ކޭބަލްއެކެވެ.