ޚަބަރު

ނާއިބް ރައީސް، އެމް.ޑަބްލިއު.އެސް.ސީއަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައިފި


ނާއިބް ރައީސް ފައިސަލް ނަސީމް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއު އެސްސީއަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ އިސްވެރިންނާއި މަޝްވަރާކުރައްވައިފިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމްވަނީ އެމްޑަބްލިއުއެސްސީގެ މައި އޮފީހަށް ޒިޔާރަތްކޮށް، ކުންފުނީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ، ކުންފުންޏަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލާއި، ދިމާވެފައިވާ ދަތިތަކާއި، އެކަންކަން ޙައްލުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް، ގެންނަން ބޭނުންވާ ބަދަލުތައް ނައިބް ރަޢީސްއަށް ހުށައަޅާފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ޕަމްޕް ސްޓޭޝަންތައް ހަރުދަނާކުރުމާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް ދެއަކަށް މި ޚިދުމަތްތައް ދިނުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ އަޅުގަނޑުމެން ދެންނެވިން. އަދި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުންވެސް ހުށައެޅިން. ނައިބް ރައީސްވަނީ ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައި." އާޒިމް ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުުވީ މާލޭގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކަކީ އެއްލައްކަ މީހުންގެ ނެޓްވޯކެއްކަމަށެވެ. ނަމަވެސް މިހާރު މާލޭގެ އާބާދީ ދެލައްކައާއި ގާތްކުރާކަމަށާއި، އެހެންކަމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއްވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ދިމާވަމުންދާ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުންވެސް ނާއިބް ރައީސާއެކު މަޝްވަރާކޮށްފައިވާކަމަށާއި، މިކަމަަށް ޙައްލުގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ނާއިބް ރައީސް ދެއްވާފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ނައިބް ރައީސް، އެމް.ޑަބްލިއު.އެސް.ސީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.