ޚަބަރު

އިސްލާމީ ޔުނިވަސިޓީގެ ކެމްޕަހެއް ފުވައްމުލަކު ސިޓީގައި ހުޅުވަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ، އައިޔޫއެމްގެ ކެމްޕަހެއް ފުވައްމުލަކު ސިޓީގައި ޤާއިމުކުރުމާ ގުޅޭގޮތުން އެ ޔުނިވާސިޓީން ފުވައްމުލަކު ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާރ ފޯރ އެޑްމިން އެންޑް ފައިނޭންސް އަލީ ރަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ދިރާސީ އާއަހަރާއެކު އެ ޔުނިވަރސިޓީގެ ކޯސްތައް ފުވައްމުލަށް ސިޓީގައި ފެށުމަށް މަސައްކަތް ކުރާނެކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އިސްލާމީ ޔުނިވަރސިޓީގެ ގިނަ ކޯސްތަކެއް ފުވައްމުލަށް ސިޓީގައި ފެށުމަށް އެ ޔުނިވަރސިޓީއާއެކު މަޝްވަރާ ކޮށްފައިވާކަމަށެވެ. އެގޮތުން ޝަރީއާ އިން ލޯ، އަރަބިކް ލެންގުއޭޖް، އިމާމް ކޯސް، އިސްލާމިކް ބޭންކިންގް އާއި އިސްލާމިކް ފައިނޭންސް ފަދަ ކޯސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ފުވައްމުލަށް ސިޓީ ކައުންސިލުން ބުނެއެވެ.

ފުވައްމުލަކު ސިޓީގެ އިތުރުން، ގދ.ތިނަދޫ އާއި ލ.ފޮނަދޫ އާއި ހދ.ކުޅުދުއްފުށީގައިވެސް ދިރާސީ އާއަހަރާއެކު އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކުރުމަށް އިސްލާމީ ޔުނިވަރސިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.