ތަޢުލީމު

ޤައުމީ ޔުނިވަރސިޓީއިން މެޑިކަލް ކޮލެޖެއް ޤާއިމް ކުރަނީ


ރާއްޖޭގައި މެޑިކަލް ސްކޫލެއް ނުވަތަ މެޑިކަލް ކޮލެޖެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.ޤައުމީ ޔުނިވަރސިޓީގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ޗާންސެލަރ ވިދާޅުވީ ހެލްތު ސައިންސްގެ ދާއިރާއިން ޔުނިވަރސިޓީ އިތުރު ހަރުފަތެއް ގިރާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މެޑިކަލް ސްކޫލެއް ނުވަތަ މެޑިކަލް ކޮލެޖެއް ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.ޑރ.ޒާހިރު ހުސައިން ވިދާޅުވީ އެކަމަށްޓަކާ ކުރައްވާ މަސައްކަތުގެ ތެރެއިން ތަފްސީލް ރިޕޯޓެއް މިހާރު ހަދާނިމިފައިވާ ކަމަށާއި އެ ރިޕޯޓް ދިރާސާ ކުރައްވަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅު ފެކަލްޓީ އޮފް މެޑިސިން ފެށޭވަރުވާނެ ކަމަށެވެ.ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ރިސާޗް އެންޑް ޑިވެލޮޕްމެންޓްގެ މަޤާމަށާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން މަޤާމަށް ބޭފުޅުން އައްޔަންކޮށް މިއަދުވަނީ މަޤާމުގެ ލިޔުން ޙަވާލުކޮށްފައެވެ.ވައިސް ޗާންސެލަރ، ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަޤާމަށް ހަމަޖެއްސީ ޑރ.މުޙައްމަދު ޝަރީފެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް ހަމަޖެއްސީ އައިޝަތު ޝާހީން އިސްމާއިލްއެވެ. މި ދެ މަޤާމަކީވެސް ހަތަރު އަހަރު ދުވަހުގެ މަޤާމެކެވެ.