ކުޅިވަރު

67 ފުޓްސަލް ދަނޑެއް އެޅުމަށް 55 މިލިއަންރުފިޔާ" އެއްވެސް ދަނޑެއް ނުނިމޭ. މިނިސްޓަރ


ނިމިދިޔަ ސަރުކާރުން ރައްރަށުގައި އަޅަން ފަށާފައި ހުރި ޓާފްދަނޑުތަކުގެ ތެރެއިން 67 ދަނޑެއްގެ މައްސަލަތައް ދެނެގަނެވިފައިވާކަމަށާ، މިދަނޑުތަކަށް ޖުމްލަ 55 މިލިއަނަށްވުރެ ގިނަ ފުރިޔާ ޙަރަދުކޮށްފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާބެހޭ ވަޒީރު ބ.އަތޮޅުގެ ފަސްރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވީ މައްސަލަތައް ފާހަގަކުރެވިފައިވާ ދަނޑުތަކުގެ ތެރޭގައި އަލަށް ފެށުމަށް ތައްޔާރުވެފައިވާ ދަނޑުތަކާއި، އަޅާފައިވާ ދަނޑުތައް ހިމެނޭކަމަށެވެ.

ބައެއް ރަށްރަށުގައި ދަނޑުތައް ހެދުމަށް ގެނަސްފައިވާ ސަމާނުތައް ހަލާކުވެ ފައިވާކަމަށާއި، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިމަސައްކަތްތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނާއި މިއަދު ވާހަކަ ދައްކާ ކުރިއަށްދެވޭނެ ގޮތްތަކެއް ހޯއްދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެއަތޮޅުގެ ދޮންފަނާއި ދަރަވަންދުއާއި ހިތާދޫގެ އިތުރުން މާޅޮހަށާއި އޭދަފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. މިފަސްރަށުންވެސް މިކަހަލަ އެތައް މައްސަލައެއް ފެނިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދައުލަތުގެ މުދާ ހަލާކުކުރި ބަޔަކު އެޒިންމާ ނަގަން ޖެހޭނެކަމަށެވެ.

ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކާ ބައްދަލުކުރައްވާ، ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތައްވެސް އޮޅުންފިލުވާފައެވެ. މިހާރުން މިހާރަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވާ އެކަންތައްތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ މަހުލޫފު ވަނީ ދެއްވާފައެވެ.