ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ކަމުގައިވާ، ލުއި ވިޓޮން މޮއެޓް ހެންސީ، އެލް.ވީ.އެމް.އެޗް ކުންފުނިން، ލަގްޒަރީ ރިސޯޓާއި ހޮޓާ ހިންގާ މަޝްހޫރު ބެލްމަންޑް ކުންފުނި ގަތުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ލުއި ވިޓޮން މޮއެޓް ހެންސީ ނުވަތަ އެލް.ވީ.އެމް.އެޗްއަކީ ދުނިޔޭގެ ބާޒާރުގައި އެންމެ އަގުބޮޑު ލަގްޒަރީ މުދާ ވިއްކާ އެއް ކުންފުންޏެވެ. އަތުކުރީ ގަޑިއާއި ދަބަހާއި ސެންޓުގެ ވިޔަފާރީގައި ލުއި ވިޓޮންއަކީ އެންމެ ނަން ހިނގާ ކުންފުންޏެވެ. ކްރިސްޓިއަން ޑިއޯރ، މާކް ޖެކޮބްސް، ގިވެންޗީ އަދި ބުލްގާރީއަކީ އެލް.ވީ.އެމް.އެޗްގެ މަޝްހޫރު ބްރޭންޑްތަކެވެ.
ފެޝަންއާ ގުޅޭ ތަކެތީގެ އިތުރުން، ލަޤްޒަރީ ހޮޓަލާއި ރިސޯޓުތައް ވެސް އެކުންފުނިން ހިންގައެވެ. އޭގެތެރޭގައި ޗެވަލް ބްލާންކްއާއި ބުލްގާރީ ހިމެނެއެވެ. އެކުންފުނީގެ މިހާރުގެ އަމާޒަކީ ލަގްޒަރީ ތަކެތީގެ ވިޔަފާރީގެ އިތުރުން، ލަޤްޒަރީ ހޮޓަލާއި ރިސޯޓްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ.
އެލް.ވީ.އެމް.އެޗް އިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިކަމުގައިވާ ބެލްމަންޑް ގްރޫޕް ގަތުމަށް އެއްބަސްވުމަކަށް ގޮސްފައެވެ.
ލުއި ވިޓޮންއިން ބެލްމަންޑް ކުންފުނި 2.6 ބިލިއަން ޑޮލަރަށް ގަތުމާއެކު، ބެލްމަންޑް ކުންފުނިން ދުނިޔޭގެ 24 ޤައުމެއްގައި ހިންގާ 46 ލަގްޒަރީ ހޮޓަލާއި ރިސޯޓް އަދި ރެސްޓޯރަންޓްތަކުގެ ކޮންޓްރޯލް ލުއި ވިޓޮންއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ބެލްމަންޑް ކުންފުނީގެ ލަގްޒަރީ ރޭލުތަކުގެ ކޮންޓްރޯލްވެސް ލުއި ވިޓޮންއަށް ލިބިގެންދާނެއެވެ.
ލުއި ވިޓޮންގެ ކޮންޓްރޯލްގެ ދަށަށް އަންނަ ހޮޓާތަކާއި ރިސޯޓްތަކާއި ރެސްޓޯރަންޓްތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު މީހުންނާއި ބިލިއަނަރުން ޤަވާއިދުން ޒިޔާރަތްކުރާ މަޝްހޫރު ތަންތަނެވެ.
އެލް.ވީ.އެމް.އެޗްގެ ސިއީއޯ ބަރނާޑް އާނޯލްޓް ބުނީ ބެލްމަންޑް އަކީ ފަތުރުވެރިކަމުގެ ދައިރާގައި ކުރިއަރާފައިވާ، އަދި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެއްކަމަށެވެ. އަދި މި އިންވެސްޓްމެންޓްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި އެލް.ވީ.އެމް.އެޗް ކުރިއަރައިގެންދާނެކަމަށް ވެސް ބަރނާޑް ބުންޏެވެ.
2.6 ބިލިއަން ޑޮލަރަށް ލުއި ވިޓޮންއިން ބެލްމަންޑް ކުންފުނި ގަންނައިރު، މިކަމާ ގުޅިގެން ކުރިއަށްގެންދާ ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް ނިމެނީ އަންނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައިކަމަށް ޚަބަރުތައް ބުނެއެވެ.