ސައިކަލް ފެރީގެ ޚިދުމަތް އަތޮޅުތެރެއަށް ތަޢާރަފްކުރުމަށް އެމް.ޓީ.ސީ.ސީން މަސައްކަތްކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އަތޮޅުތެރޭގައި ދެމުންގެންދާ ފެރީގެ ޚިދުމަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން އަތޮޅުތަކުން އެހެން ރަށްރަށަށް ދަތުރުކުރާއިރު ސައިކަލް ފަދަ ވެހިކަލް ނުގެންދެވޭތީ ގިނަ ބަޔަކު ޝަކުވާ ހުށަހަޅާކަން ޝާހު ފާހަގަކުރެއްވިއެވެ.
"މާލެއާއި ހުޅުމާލެއާއި ދޭތެރޭ އަޅުގަނޑުމެން ހިންގި ރޯވ-ރޯވ ފެރީގެ ޚިދުމަތް ވެސް ކުރީގައި ފޯރުކޮށްދިން. މާނައަކީ ސައިކަލުތަކާއި އެކީގައި ދަތުރުކުރެވޭގޮތަށް. އެގޮތަށް އެބަ ފާހަގަކުރައްވަ މިހާރު އަޅުގަނޑުމެންނަށް އެކި ރަށްރަށުން ގުޅުއްވައިގެން އެބޭފުޅުން އެބަ ވިދާޅުވޭ ހަމަ މާލޭއާއި ހުޅުމާލެއާއި ދޭތެރޭ ކުރިން ފެރީތައް އޮތްގޮތަށް ސައިކަލްތަކާއި އެކީގައި ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް. އެހެންކަމުން އަޅުގަނޑުމެން މިކަންތައްތަކަށް ވިސްނުން ބަހައްޓައިގެން ކުރިއަށްއޮތް ތާނގައި މަސައްކަތްކުރައްވާނީ." ހަސަން ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އަތޮޅުތަކުގެ ފެރީގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މާސްޓާރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެމްޓިސީސީން ކުރަމުންދާކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ އެބައޮތް ބިޒްނެސް ޕްލޭންއެއް އެކުލަވާލާފަ މިއަހަރު އަޅުގަނޑުމެން ބޯރޑަށް ހުށަހަޅާފަ ބޯރޑުން އެޕްރޫވްކުރުމަށް. މި ބިޒްނެސް ޕްލޭންގައި އަޅުގަނޑުމެން އެބައޮތް ހިމަނާފަ ޓްރާންސްޕޯޓްގެ ހިސާބު ކިތާބާއި ޓްރާންސްޕޯޓް ސެކްޝަން ހަރުދަނާކުރުމަށް ވިސްނުން އެބަހުރި. އޭގެތެރޭގައި އަޅުގަނޑުމެން މިހާރު މިގެންގުލޭ ފެރިގެ ބަދަލުގައި ސްޕިދްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްތަކައި ހަރުދަނާ ނިޒާމެއް ޤާއިމްކޮށްގެން މިޚިދުމަތް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި އެބަހުރި" ހަސަން ޝާހު ވިދާޅުވިއެވެ.
ޝާހުގެ ވާހަކަފުޅުގައި އެމްޓީސީސީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތައްކޮށް، ރަނގަޅު ބިޒްނަސް ޕްލޭނެއްގެ ދަށުން މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.
ބްރިޖް ހުޅުވުމާއެކު މާލެއާއި ހުޅުމާލެއާއި ދޭތެރޭގެ ފެރީގެ ނިޒާމަށް ހީނަރު ކަމެއް އައިސްފައިވާ ނަމަވެސް މިއީ ގިނަ ބަޔަކު އެއަށް ބަރޯސާވެފައި އޮންނަ ނިޒާމަކަށް ވުމާއެކު އެއްވެސް ސަރަޙައްދަކުން ފެރީގެ ޚިދުމަތް ހުއްޓާނުލާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އޭގެ ބަދަލުގައި ފެރީގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.