ވިޔަފާރި

ސަން އަކުއާ އިރުވެލި ރިސޯޓް ހުޅުވައިފި


ސަން ސިޔާމް ރިސޯޓްސްގެ "ސަން އަކުއާ އިރުވެލި" ހުޅުވައި، ފަތުރުވެރިންނަށް ޙިދުމަތްދޭން ފަށައިފިއެވެ.

ދާލު އަތޮޅު އަލުވިފުށީގައި ތަރައްޤީކޮށްފައިވާ މި ރިސޯޓް ހުޅުވާފައިވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ސަން އަކުއާ އިރުވެލި ރިސޯޓަކީ ފަސް ތަރީގެ ޕްރީމިއަމް އަދި އޯލް އިންކްލޫސިވް ރިސޯޓެކެވެ. މި ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ރިސޯޓުން ކުރެވޭނެއެވެ.

ރިސޯޓުގައި 125 ވިލާ ހުންނާނެއެވެ. ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލްއެއްވެސް ހުންނާނެކަމަށް ރިސޯޓުން ބުނެއެވެ. ރިސޯޓުގެ ވިލާތައް ފަރުމާކޮށްފައިވާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް ފެންނާނެފަދަ ގޮތަކަށެވެ.

ސަން އަކުއާ އިރުވެލި ރިސޯޓުގައި ކުޑަކުދިންނަށް ޙާއްސަކޮށްގެން ކިޑްސް ކުލަބެއް ހުންނާނެއެވެ. މިތަނުން 3 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.

ރިސޯޓް ތަރައްޤީކޮށްފައިވަނީ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެމީހުންގެ ޕްރައިވެސީ އެންމެ ފުރިހަމައަށް ލިބިދެވޭގޮތަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މި ރިސޯޓަށް ސީޕްލޭންގައި 35 މިނެޓުން ދެވޭނެއެވެ.

ސަން އަކުއާ އިރުވެލިއަކީ ސަން ސިޔާމް ރިސޯޓްސްގެ ސަން އަކުއާ ބްރޭންޑުގެ ތިންވަނަ ރިސޯޓެވެ. އަނެއް ދެ ރިސޯޓަކީ ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފް އަދި ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕާސިކުޑައެވެ. މީގެ އިތުރުން އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓާއި، ނ. މެދަފުށީގައި ހިންގާ ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓަކީވެސް ސަން ސިޔާމް ރިސޯޓްސްގެ ރިސޯޓުތަކެވެ.