ވިޔަފާރި

ޓެކްސީކުރާ އަގަށް ބަދަލު ގެނައުމަށް ޑްރައިވަރުންނާ މަޝްވަރާކުރަނީ


ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ޓެކްސީކުރާ އަގަށް ބަދަލު ގެނައުމަށްޓަކާ ޑްރައިވަރުންނާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ އިއްޔެއިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރެއް ދިހަ ރުފިޔާއަށް ވިއްކަން އެސްޓީއޯއިން ނިންމުމާއި ގުޅިގެން ޓެކްސީކުރާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ޓެކްސީތަކުން ނަގަމުން އަންނަނީ ދަތުރަކަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދު ކަމަށާއި އެއަދަދަށް ޓެކްސީ ދަތުރުކުރަމުން އަންނަނީ އޭރު ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ. އެހެންކަމުން ތެލުގެ އަގަށް ހެޔޮބަދަލެއް އައުމުން ޓެކްސީ ދަތުރުތަކުގެ އަގު ކުޑަވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.މީގެ ކުރިންވެސް ތެލަށް އަންނަ ބަދަލާއި ގުޅިގެން ޓެކްސީތަކުގެ އަގު ހެޔޮކޮށްފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.މިހާރު ޓެކްސީ ދަތުރެއް ކުރަމުން އަންނަނީ ފަންސަވީސް ރުފިޔާއަށެވެ.އިއްޔެއިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރެއް ދިހަ ރުފިޔާގެ މަގުން ވިއްކަން ނިންމިކަން އެސްޓީއޯ އިން ވަނީ ހާމަކޮށްފައެވެ.