ސިޔާސީ

މެންބަރުންގެ ހިތްތަކަށް ފިނިކަމެއް ގެނެސްދެވޭނީ އާ ޕާޓީއެއް ހަދައިގެން - ރައީސް ޔާމީން


އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ޕީޕީއެމްގެ (ރައީސް ޔާމީނާށް ތާޢީދުކުރާ މެމްބަރުންގެ) ހިތްތަކަށް ފިނިކަމެއް ގެނެސްދެވެން އޮތީ އާސިޔާސީއެއް ޕާޓީއެއް އުފައްދައިގެން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އާޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވަނީ އެމަނިކުފާނަށް ހެޔޮއެދޭ ވަރަށް ގާތް ބޭފުޅުންކޮޅެއް ކަމަށެވެ.

އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވަނީ ޕީޕީއެމްގެ މުސްތަޤްބަލާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށް ދިގު އިންތިޒާރެއްކޮށް މައްސަލަ ނިމެންދެން ތިބުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ މީހުންނަކަށް އެއްވެސް ގޮތަކަށް ކެއްސެއްދޭނެ ބައެއް ނޫން. އެހެންވީމަ އާ ޕާޓީއެއް އުފެދޭ ހިސާބުން މި ހުރިހާ ބޭފުޅުންނަށް ވެސް އާޕާޓީއަށް ވެސް ވަޑައިގަނެވޭނެ، އަޅުގަނޑުމެންނާއެކު މިހާރު މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށްވެސް އާޕާޓީއާ ގުޅިވަޑައިގަނެވޭނެ."

ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރިއަށްދިޔަ ނަމަވެސް ޕީޕީއެމްގެ އެއްވެސް މަސައްކަތަކަށް ހުރަސް އެޅިގެން ނުދާނެކަމަށެވެ.

ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްޙަ ލީޑަރޝިޕެއް ނޫން ކަމަށްބުނެ، އެޕާޓީގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައެޅުމަށް އެޕާޓީގެ ޢާންމު މެންބަރަކު ވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައެވެ.