ޚަބަރު

އިމާރާތްކުރުމުގެ މަސައްކަތްކުރާ ގިނަ ސައިޓްތަކުގައި ބޭނުންކުރަނީ އެކަމަށް ޚާއްޞަ ސޭފްޓީ ނެޓެއް ނޫން- ޕްލޭނިންގ މިނިސްޓްރީ


މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ގިނަ ސައިޓްތަކުގައި ބޭނުންކުރަނީ، އެމަސައްކަތްކުރުމަށް ބޭނުންކުރަންޖެހޭ ސޭފްޓީ ނެޓް ނޫންކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރިއަށްދާ ސައިޓްތައް އިންސްޕެކްޓް ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ، މާލޭގެ ގިނަ ކޮންސްޓްރަކްޝަން ސައިޓް ތަކުގައި ޖަހާފައި ހުންނަނީ، ސޭފްޓީ ނެޓްގެ ގޮތުގައި ބޭނުންކުރުމަށް ޚާއްޞަ ކުރުމަށް ކަނޑައަޅާފައިހުންނަ ނެޓްގެ ބަދަލުގައި، ދަނޑުވެރިން ގަސްތަކަށް ހިޔާ ދިނުމަށް ބޭނުންކުރާ ޝޭޑިންގ ނެޓްކަމަށެވެ. އެހެންކަމުން ސޭފްޓީ ނެޓަކީ ވަކި މަޤްޞަދެއްގައި ބޭނުންކުރާ އެއްޗަކަށްވާއިރު މީގެ ސަބަބުން އޭގެ އަސްލު މަޤްޞަދު ހާސިލް ކުރެވެމުން ނުދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްކުރާއިރު އެކަމަށް ޚާއްޞަކޮށް ބޭނުންކުރަންޖެހޭ ސޭފްޓީ ނެޓް ބޭނުންކުރަމުން ނުދާނަމަ އޭގެ ސަބަބުން، ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ބާޒާރުގައި ހުންނަނީ ދެވައްތަރެއްގެ ނެޓު، ސޭފްޓީ ނެޓާއި، ގަސްއިންދުމަށް ބޭނުންކުރާ ނެޓު، ބައެއް ފަހަރު މިވާގޮތަކީ ސޭފްޓީ ނެޓުގެ ގޮތުގައި ޝޭޑިންގ ނެޓު ބޭނުންކޮށްފަ މިހުންނަނީ، ބައެއް ފަހަރު ފަސޭހަކޮށްލާފައި ނުވަތަ ނުލިބޭތީ ނަމަވެސް ނޫނީ ޕްރައިޒް ކޮންސިޑަރޭޝަން ނުވަތަ އޮޅިގެން ނަމަވެސް އެބަހުރޭ ބޭނުންކޮށްފައި. ސައިޓުތަކުގައި މަސައްކަތްކުރާ ބޭފުޅުން ތަފާތު ދެނެގަންނަން އެބަޖެހޭ- ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބަލާއިރު، ސައިޓްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ހުރީ ދަށްކޮށްކަމަށެވެ.
މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ އިންސްޕެކްޝަންތައް ފަށާފައިވާއިރު، އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވުނު އެއްކަމަކީ ސޭފްޓީ ނެޓްތަކުގެ މައްސަލަކަން ޕްލޭނިންގ މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މިކަމަށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.