ޚަބަރު

ފުލުހުންގެ ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުން ތައާރަފްކޮށްފި


ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ފުލުހުންގެ "ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުން" މާލޭ ސަރަހައްދަށް ތައާރަފް ކޮށްފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން ފުލުހުން އަލަށް ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކޮށްދެއްވާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އަމަން އަމާންކަން ޤާއިމުކުރުމަށްޓަކައި ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރާ މުޢައްސަސާއަކަށް ވާންޖެހޭ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާގެ ތެރެއިން އިންތިޒާމްކުރެވިގެން ގާތުން ބެލިގެން މާލެ ހިމެނޭ ސަރަހައްދު އަދި މުޅި ރާއްޖެ ހިމެނޭގޮތުން ވަރަށް އަމާން ވެއްޓެއް ޤާއިމުކުރުމަށްޓަކައި ރައްޔިތުންނާ ކައިރިން މަސައްކަތް ކުރުމަށްޓަކާ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މިއަދު ފެށެނީ. އަޅުގަނޑު ގަބޫލުކުރަނީ މާލެ ތެރެ އަމާންކޮށް މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްޓަކާ މި މަސައްކަތަކީ ރައްޔިތުނަށް ބަދަލު ފެންނާނެ މަސައްކަތަކަށްވާނެ ކަމަށް." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ މި ޚިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، އަލަށް ތަޢާރަފްކުރެވުނު ޚިދުމަތާއެކު ގްރޭޓާ މާލެ ހިމެނޭ ސަރަހައްދު ކަމަށްވާ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތައް ވަކި ނެއިބަރހުޑްތަކެއް ތަޢާރަފްކޮށް، ކޮންމެ ނެއިބަރ ހުޑަކަށް ވަކި އޮފިސަރަކު ކަނޑައެޅޭނެ ކަމަށެވެ.

"މި އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން. އެންމެ މުހިއްމު ކަމަކީ ސަރަހައްދުތަކަށް ހަމަޖައްސާ ފުލުހުންނާ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާވެސް ގާތް ގުޅުމެއް އުފެއްދުން. ހަގީތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ހިދުމަތް ވަރަށް ކައިރިން ދިނުން." އެކްޓިން ސީޕީ ވިދާޅުވިއެވެ.

މި ޚިދުމަތުގެ ދަށުން ގްރޭޓަރ މާލެ ހިމެނޭ ސަރަހައްދު ބަހާލާފައިވަނީ އަށް ނެއިބަރހުޑަށެވެ. އެއީ މާލެ ހަތަރު ބަޔަށް، ހުޅުމާލެ ތިން ބަޔަށް އަދި ވިލިމާލެ އެއް ބަޔަކަށެވެ. އަދި މިއިން ކޮންމެ ބައެއްގައި ފުލުހުންގެ އިސް އޮފިސަރަކާއެކު ފުލުހުންގެ ޓީމެއް މަސައްކަތް ކުރަމުންދާނެ އެވެ.

މި ޚިދުމަތުގެ ދަށުން ކޮންމެ ނެއިބަރހުޑެއްގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި ފޯން ނަންބަރު އެ ސަރަހައްދެއްގައި އުޅޭ ބަޔަކަށް މީޑިއާ ނުވަތަ ލީފްލެޓް މެދުވެރިކޮށް ހިއްސާކުރާނެއެވެ. އަދި ނެއިބަރހުޑްގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާއި، ފުލުހުން އަމަލުކުރަންޖެހޭ ގޮތް އޭގައި ލިޔެވިފައި އޮންނާނެ ކަމަށް ފުލުހުން ބުނެއެވެ.