ވިޔަފާރި

ދުވާލަކަށް ވަކި އަދަދެއްނެތި ހެލްތް ސެޓްފިކެޓް ދޫކުރަންފަށައިފި


މަހާ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހެލްތް ސެޓްފިކެޓް ދޫކުރުމުގައި ދުވާލަކަށް ދިހަ ސެޓްފިކެޓަށް ފައިސާ ދެއްކޭގޮތަށް އޮންނަ އުސޫލަށް ބަދަލް ގެންނަވައި ވަކި އަދަދެއް ނެތި ސެޓްފިކެޓް ހޯދުމަށް ފައިސާ ދެއްކޭ ގޮތަށް މިނިސްޓްރީ އޮފް ހެލްތުން ހަމަޖައްސަވައިފިއެވެ.ހެލްތް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، މި ބަދަލުގެންނެވީ، ދުވާލަކަށް ދިހަ ސެޓްފިކެޓަށް ފައިސާ ދައްކާ ގޮތަށް އޮތުމުން މަސް ބޭރުކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ ކަމަށެވެ. އަދި އެއުސޫލަށް ބަދަލުގެނެސް ދުވާލަކަށް ދިހަ ސެޓްފިކެޓުގެ ބަދަލުގައި ވަކި އަދަދެއް ނެތި ފައިސާ ދެއްކޭނެ ގޮތް މިހާރު ހަމަޖައްސަވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މިނިސްޓްރީން ވިދާޅުވީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު އަށްގަޑި ތިރީހުން ފެށިގެން މެންދުރު ދެގަޑި ތިރީހާ ހަމަޔަށް މިނިސްޓްރީ އޮފް ހެލްތްގެ ފައިސާ ދައްކާ ކައުންޓަރުން ހެލްތް ސެޓްފިކެޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.